ސަރުކާރުގުގެ "ހިޔާވެހި" ގެދޮރު ލޯނު ސްކީމުގެ ދަށުން 5 އިންސައްތަ އިންޓްރެސްޓު ރޭޓުގައި ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލަން ނިންމައިފިއެވެ.
މިއަދު ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލޯނު ސްކީމުގެ ދަށުން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހައުސިންގ މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފެވެ.
މި ސްކީމުގެ ދަށުން ތިން ކެޓަގަރީއަކުން ލޯނު ދޫކުރެވޭނެއެވެ. އެއީ:
- ރަށްރަށުގައި ގެދޮރު އެޅުމަށް 1 މިލިއަން ރުފިޔާއާ ހަމައަށް
- އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ގެދޮރު އެޅުމަށް 4 މިލިއަން ރުފިޔާއާ ހަމައަށް
- މާލެ ސަރަޙައްދުގައި ގެދޮރު އެޅުމަށް 6 މިލިއަން ރުފިޔާއާ ހަމައަށް
ކޮންމެ ކެޓަގަރީއަކުން ވެސް ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ދެވޭނެއެވެ. އަދި ލޯނުގެ އިންޓްރެސްޓު ރޭޓަކީ 5 އިންސައްތައެވެ.
މި ލޯނު ސްކީމަކީ ގެދޮރު އެޅުމަށް ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވި ތިބި ފަރާތްތަކަށް އެހީތެރިވުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅެއް ފުއްދުމުގެ ގޮތުން ތަޢާރަފުކުރެވިފައިވާ ސްކީމެކެވެ.
އެގޮތުން، މީގެ ކުރިން ވެސް މި ސްކީމުގެ ދަށުން ގެދޮރު ލޯނު ދޫކުރުމަށް އެޗްޑީއެފްސީ އަދި އެމްއައިބީއާއެކު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.



