ރަފީނިއާގެ ހެޓްރިކާއެކު ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއިން ޖަރުމަނުގެ ބަޔާން މިއުނިކް ބަލިކޮށްފިއެވެ.
ރޭ ސްޕެއިންގެ ބާސެލޯނާގެ އޮލިމްޕިކް ލުއިސް ކޮމްޕެނީސް ސްޓޭޑިއަމްގައި ރަފީނިއާ ވަނީ މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ލަނޑެއް ޖަހައި އެންމެން ހައިރާން ކޮށްލާފައެވެ.
ނަމަވެސް އެ ނަތީޖާ ދެމިއޮތީ މެޗުގެ 18ވަނަ މިނެޓާއި ހަމަޔަށެވެ. ދެން ފެނުނީ ބާސެލޯނާގެ ސަޕޯޓަރުން މާޔޫސްކުރުވި ކަމެކެވެ. އެއީ މިހާރު ވަރަށް ފޯމުގައި ހުރި އިންގްލޭންޑްގެ ކެޕްޓަން ހެރީ ކޭން ލަނޑެއް ޖަހައި ނަތީޖާ އެއްވަރު ކުރުމުންނެވެ. މި ގޯލާއެކުހެރީކޭން ވަނީ ލީގުގައި މިހާތަނަށް ފަސް ގޯލު ޖަހާފައެވެ.
އެހެންނަމަވެސް، ކޯޗުގެ އިރުޝާދާއެކު މޮޅަށް ކުޅެމުންދިޔަ ބާސެލޯނާއިން އިތުރު 4 ލަނޑު ޖެހިއެވެ. ދެވަނަ ގޯލަކީ މެޗުގެ 36 ވަނަ މިނިޓުގައި ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކޮށްދިން ލަނޑެވެ. މެޗުގައި ބާސެލޯނާއިން ދެން ގޯލުތައް ޖަހާފައިވަނީ 45 ވަނަ މިނެޓާއި 56ވަނަ މިނެޓުގައެވެ. ރަފީނިއާގެ 3ވަނަ ގޯލަކީ ޒުވާން ޔަމާލްގެ އެސިސްޓަކުން ޖެހި ގޯލެއްކަން ފާހަގަ ކުރެވެއެވެ.
ރޭގެ ހެޓްރިކާއެކު މިހާތަނަށް ކުޅުނު 13 މެޗުގައި ރަފީނިއާ ވަނީ 9 ގޯލު ޖަހާފަ އެވެ.
މިމޮޅާއެކު މިހާތަނަށް ކުޅުނު ތިން މެޗުން ލިބުނު 6 ޕޮއިންޓާއެކު ބާސާ އޮތީ ތާވަލުގެ ދިހަވަނައިގައެވެ. ބަޔާންއަށް މިހާތަނަށް ލިބިފައިވަނީ ކުޅުނު ތިން މެޗުން ތިން ޕޮއިންޓެވެ.









