މާލެ ޕޮލިހުން "ޕަރފޯމަންސް އެންހޭންސްމަންޓް ފޯރަމް 2024'' ގެ ނަމުގައި ފޯރަމެއް އިއްޔެ ބާއްވައިފިއެވެ. މި ފޯރަމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަމާން މާހައުލެއް ޤާއިމުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި ބޭއްވުނު ފޯރަމެކެވެ.
ސްޓެލްކޯ ސެމިނާ ރޫމުގައި ބޭއްވުނު މި ފޯރަމް ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ. މީގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން މި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ފުލުހުން ވިދާޅުވިގޮތުގައި މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުން ފުލުހުންނާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރެއިން، ފުލުހުންގެ މަސައްކަތްތައް ކުރުމަށް ހެދިފައިވާ އެކި އުސޫލުތަކަށާއި، ކުރިއަށް އޮތް ހަތަރު އަހަރަށް ތައްޔާރުކޮށްފައިވާ ސްޓްރެޓިޖިކް ޕްލޭން 2024 ގައި މާލެ ޕޮލިސް ކޮމާންޑާއި މަތިކުރެވިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް އަހުލުވެރިވުމެވެ. އަދި މި ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެންމެ އެދެވޭ ގޮތުގައި އަދާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެކި ބަހާތަކުގެ މެދުގައި މަޝްވަރާކުރުމެވެ.
މި ފޯރަމްގައި، މާލެ ޕޮލިހުގެ މަސައްކަތްތަކަކީ ރައްޔިތުން ބަލައިގަންނަ އަދި ޤާނޫނީ އިމުގެ ތެރެއިން ކުރެވޭ މަސައްކަތްތަކަށް ހެދުމާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި އެކި ހާލަތްތަކާ ގުޅިގެން އަންނަ ބަދަލުތައް ދުވަހުން ދުވަހަށް އެނގޭނެ ގޮތަށް އެތެރޭގެ ކޮމިއުނިކޭޝަން ނިޒާމެއް ޤާއިމުކޮށް، ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކެއް ކަނޑައެޅުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
މީގެއިތުރުން، މަސައްކަތްތަކުގައި ހުރި ގޮންޖެހުންތައް ކުޑަކުރުމަށް ކަންކަން ދެނެގަތުމާއި، ކޮމާންޑުގެ ބަހާތަކުގައި ތިބި ފުލުހުން ކުރަންޖެހޭ މަސައްކަތްތަކަށް އިތުރަށް އަހުލުވެރިކޮށް ތާޒާކުރުވުމަށް އެކި ދާއިރާތައް ކަނޑައެޅުމުގެ މަސައްކަތާއިި 2025 ވަނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވައިލުމުގެ މަސައްކަތްވެސް މި ފޯރަމްގައި ކުރެވުނެވެ.
މި ފޯރަމަކީ ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިފަދަ ފޯރަމްތަކުން ލިބޭ މަޢުލޫމާތާއި ޚިޔާލުތަކުގެ އަލީގައި ކުރިއަށް އޮތް ތަނުގައި ފުލުހުންގެ މަސައްކަތްތައް އިތުރަށް ރޭވި، ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ވެސް ފުލުހުން ފާހަގަކުރެއްވިއެވެ.









