މާފަންނު ޖޭޒް ކެފޭ ކައިރީގައި ހުރި ޢިމާރާތެއްގެ ފުރާޅުން ވެއްޓުނު 35 އަހަރުގެ ފިރިހެނަކަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާދެމުން ގެންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގި ކަމުގެ މަޢުލޫމާތު ލިބުނީ އިއްޔެ ރޭ 11:14 ހާއިރުއެވެ. އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އަނިޔާވި ފަރާތް ނަގައިގެން ފުރަތަމަ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. ނަމަވެސް މިހާރު އޭނާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަނިޔާވި ފަރާތުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، އޭނާ ފުރާޅުން ވެއްޓުނީ ޖޭޒް ކެފޭއާ ޖެހިގެން ހުރި ޢިމާރާތަކަށް ހޮޅިދަނޑިއަކުން އަރަނިކޮށެވެ. މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލު ހާމަކޮށްފައި ނުވެއެވެ.









