ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި ގޮތުގައި، ޕޮލިސް ކޮމިޝަނަރުގެ އޮފީހުގެ އެންމެ އިސްވެރިޔާގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ) މޫސާ ޢަލީ އައްޔަންކުރައްވައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުން، މި މަޤާމުގައި ކުރިން ހުންނެވި އޭސީޕީ އަޙްމަދު ޝިފާން، އެހެން މަޤާމަކަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އޭސީޕީ ޝިފާން ބަދަލުކުރެވިފައިވަނީ، އޭސީޕީ މޫސާ ޢަލީ ކުރިން ހުންނެވި ފުލުހުންގެ ސަރވިސް ޑިވެލޮޕްމެންޓް ޑައިރެކްޓޮރޭޓްގެ އެންމެ އިސްވެރިޔާގެ މަޤާމަށެވެ.
މި ބަދަލު ގެނެވިފައިވަނީ ފުލުހުންގެ އިދާރާގެ އެކި މަޤާމުތަކަށް އާންމުކޮށް ގެންނަ ބަދަލުތަކުގެ ތެރެއިން ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.








