ސްޕެނިޝް ލީގުގައި ބާސެލޯނާއިން ރޭ 5-1 ގެ ނަތީޖާއަކުން ސެވިއްޔާ ބަލިކޮށް، އެއްވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.
ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި މި ސީޒަން ފެށުނީއްސުރެ ރަނގަޅު ފޯމެއްގައި ހުރި ލެވަންޑޯސްކީ ވަނީ ދެ ލަނޑު ޖަހާފަ އެވެ. ފުރަތަމަ ލަނޑަކީ މެޗުގެ 24 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ޖެހި ލަނޑެކެވެ. އެއީ ސެވިއްޔާގެ އޭރިއާ ތެރެއިން ބާސެލޯނާގެ ރަފީނިއާ އަށް، ޕީކޭ ފެނާންޑޭސް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.
ލެވަންޑޯސްކީ ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން ޕެޑްރީ ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. 3 ވަނަ ގޯލަކީ ލެވަންޑޯސްކީ މިމެޗުގައި ޖަހައިދިން ދެވަނަ ލަނޑެވެ. އެއީ 39 ވަނަ މިނެޓުގައި ރަފީނިއާ ދިން ޕާހަކުންނެވެ.
ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން ނުވަ މެޗުން ބާސެލޯނާ މޮޅުވެފައިވާއިރު، ބާސެލޯނާގެ ފަހު ދެ ލަނޑު، ދެވަނަ ހާފުގެ ފަހު ދިހަ މިނެޓު ތެރޭ ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޕަބްލޯ ޓޯރޭ އެވެ. ސެވިއްޔާގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އިޑުމްބޯ އެވެ.
ބާސެލޯނާ އަށް ދެން އޮތީ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހު ބަޔާން މިޔުނިކާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. އެއަށްފަހު ހޮނިހިރު ދުވަހު ނިކުންނާނީ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށެވެ.









