މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޓެކްސް ނުދައްކާ ފަރާތްތަކާމެދު އަޅާ ފިޔަވަޅުތައް ހަރުދަނާކޮށް، އެފަރާތްތަކުގެ ބޭންކު އެކައުންޓުތަކުގައި ހުރި ފައިސާ ހިފެހެއްޓުމުގެ އުސޫލަށް ބަދަލު ގެނެސްފިއެވެ. މި ބަދަލާއެކު މީރާއަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މީރާއިން މިއަދު ހާމަކުރި ގޮތުގައި، ކުރިން ޓެކްސް ދެއްކުމަށް ދީފައިވާ މުއްދަތު ހަމަވާތާ 60 ދުވަސް ފަހުން ފިޔަވަޅު އެޅުމަށް އޮތް އުސޫލު ބަދަލުކޮށް، މިހާރު ކަނޑައެޅިފައިވާ ނޯޓިސްތައް ދިނުމަށްފަހު ވަގުތުން ފިޔަވަޅު އެޅޭނެއެވެ. މީގެ އިތުރުން، ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކަށް ދޭ ނޯޓިސްގެ މުއްދަތު 30 ދުވަހުން 15 ދުވަހަށް ކުރުކޮށްފައިވެއެވެ.
މި ބަދަލާ ގުޅޭގޮތުން މީރާގެ އެސިސްޓެންޓް ކޮމިޝަނަރ ޖެނެރަލް އެންފޯސްމެންޓް ފާތިމަތު އަމީޒާ ވިދާޅުވީ، މިއީ މީރާއިން ކުރިންވެސް ޢަމަލުކުރަމުން އައި ގޮތްކަމަށާއި، ކުއްލިއަކަށް އެކައުންޓުތައް ފްރީޒްކުރަން ނިންމާފައި ނުވާ ކަމަށެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކާ ގުޅައި، މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Advertisement

މީރާއިން އިތުރަށް ބުނީ، ދައުލަތުން ދައްކަންޖެހޭ ފައިސާއެއް ނުލިބިގެން ޓެކްސް ނުދެއްކިވާ ފަރާތްތަކަށް، އެ ފައިސާ ޓެކްސްއިން އުނިކުރެވޭނެ ނިޒާމެއް ޤާއިމްކޮށްފައިވާ ކަމަށެވެ. ނަމަވެސް، އޭގެ ފަހުންވެސް ބޮޑު އަދަދެއް ޓެކްސްގެ ގޮތުގައި ދައްކަން އޮތްނަމަ، އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މީރާއިން ބުނެފައިވެއެވެ.







