ގއ. އަތޮޅު ފަޅު ރަށަކުން މަސްތުވާތަކެތި ހޯދާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ގއ. އަތޮޅު ފަޅުރަށެއްގައި މަސްތުވާތަކެތި ރައްކާކޮށްފައިހުރި ކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށެވެ.
ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، އެ ރަށް ބަަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނުގައި 163 ގްރާމް ހުރިކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. އަދި މި މައްސަލަ ތަހުޤީޤުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.









