ޕޮލިސް ކުލަބާއި ބޮޑީބިލްޑިންގ އެސޯޝިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އާއި ގުޅިގެން ފުލުހުންގެ މުއައްސަސާގެ ބަހާތަކަށް ހުޅުވާލައިގެން ބޭއްވި ފުލުހުންގެ ފުރަތަމަ ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕްގެ މިސްޓަރ ޕޮލިސްގެ މަޤާމު ސީނިއަރ ސާޖަންޓް މިރާޙް ޢަބްދުﷲ ހޯދައިފިއެވެ.
އިސްކަންދަރު ކޮށީގައި ރޭ ބޭއްވި މުބާރާތުގައި މިސްޓަރ ޕޮލިސްގެ މަގާމު ހޯދި މިރާޙް ޢަބްދުﷲ ވަނީ މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 180 ސެންޓިމީޓަރު ކެޓަގަރީންވެސް އެއް ވަނަ ހޯދާފައެވެ. މި ކެޓަގަރީން ދެވަނައަށް ހޮވުނީ ސީނިއަރ ސާޖަންޓް އިނާޒް ޔޫސުފްއެވެ. އަދި ތިންވަނައަށް ހޮވުނީ ސަބް އިންސްޕެކްޓަރ ޢަލީ އަމަންއެވެ.
ރޭގެ ރަސްމިއްޔާތުގައި ވަނީ ބޮޑީބިލްޑިންގ ދާއިރާއިން ރަންވަނަތަކެއް ހާސިލްކޮށް، ޤައުމަށާއި މުއައްސަސާއަށް ރީތިނަން ހޯދައިދީފައިވާތީ އެކަމަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު މޫސާ އާއި ކޮންސްޓަބަލް އަޒްނީން ރަޝާދު އަށް ހަނދާނީ ފިލައެއް އަރުވާފައެވެ. އަދި މިސްޓަރ ޕޮލިސް މުބާރާތް ބޭއްވުމުގައި އެކި ގޮތްގޮތުން އެހީތެރިވެދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ފިލާ ދީފައިވެއެވެ.

ފުލުހުންގެ ފުރަތަމަ ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕް މުބާރާތުގެ ތެރެއިން. / ފޮޓޯ: ފުލުހުން
އެލިޔާ އިންވެސްޓްމަންޓް އިން ޓައިޓްލް ސްޕޮންސަރ ކޮށްފައިވާ "ޔަމަހާ މިސްޓަރ ޕޮލިސް" ގައި ހަތަރު ކެޓަގަރީއަކުން ފުލުހުން ވާދަކޮށްފައިވެއެވެ. އެގޮތުން ވާދަކޮށްފައިވާ ކެޓަގަރީތަކަކީ މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 165 ސެންޓިމީޓަރު، މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 170 ސެންޓިމީޓަރު، މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 175 ސެންޓިމީޓަރު އަދި މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 180 ސެންޓިމީޓަރެވެ.
މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 165 ސެންޓިމީޓަރު ކެޓަގަރީން އެއްވަނަ ހޯދީ ޢަބްދުލް ރަޙްމާން މިޖާދުއެވެ. މި ކެޓަގަރީން ދެވަނަ ސީނިއަރ ސާޖަންޓް މުޙައްމަދު އަޒާމް ހޯދިއިރު ތިން ވަނަ އަށް ހޮވުނީ ސާޖަންޓް މުޖުތަބާ މުޙައްމަދު އެވެ. މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 170 ސެންޓިމީޓަރ ކެޓަގަރީން އެއްވަނަ ހޯދީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ކާމިލް އެވެ. މި ކެޓަރީން ދެވަނަ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ރަޝީދު ހޮވުނުއިރު ތިން ވަނައަށް ހޮވުނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޖުވަދު އަޝްރަފްއެވެ.
މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 175 ސެންޓިމީޓަރު ކެޓަރީ ކާމިޔާބުކުރީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝާހިދުއެވެ. މި ކެޓަރީން ދެވަނައަށް ސީނިއަރ ސާޖަންޓް މުޙައްމަދު އަޒްމީލް ހޮވުނުއިރު، ތިން ވަނައަށް ހޮވުނީ ކޮންސްޓަބަލް ހުމައިދު ޢަލީއެވެ.
މިއަހަރުގެ މުބާރާތުގައި ހަތަރު ކެޓަރީގައި 12 ފުލުހުން ވާދަކޮށްފައިވެއެވެ. އަދި މި މުބާރާތް އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އަންނަ އަހަރުގެ މުބާރާތް ޖުލައި 4 ވަނަ ދުވަހު ބާއްވާނެކަމަށް ޕޮލިސް ކުލަބުގެ ރައީސް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދު ވަނީ ރޭގެ ރަސްމިއްޔާތުގައި އިއުލާނު ކުރައްވާފައެވެ.









