އައިފޯން 16 އަދި އައިފޯން 16 ޕްރޯ ބޭނުންކުރާ ގިނަ ފަރާތްތަކަކުން ބެޓެރީގެ ޗާޖު އަވަހަށް ހުސްވާކަމުގެ މައްސަލައާ ކުރިމަތިލާންޖެހިފައިވާ ކަމަށް ޓެކް ރިޕޯޓްތަކުން ހާމަކޮށްފިއެވެ. މި މައްސަލަ ދިމާވަމުންދާކަން ރެޑިޓް، އެޕަލް ސަޕޯޓް ކޮމިއުނިޓީސް އަދި މެކްރޫމަރސް ފޯރަމްތަކުގައި ގިނަ ބަޔަކު ވަނީ ހިއްސާކޮށްފައެވެ.
މި މައްސަލަ އެންމެ ބޮޑަށް ދިމާވަނީ އައިފޯން 16 ބޭނުންކުރާ ފަރާތްތަކަށް ކަމަށްވީ ނަމަވެސް، އައިއޯއެސް 18 އަޕްޑޭޓް ކޮށްފައިވާ ކުރީގެ އައިފޯން މޮޑެލްތައް ބޭނުންކުރާ ފަރާތްތަކަށް ވެސް މި މައްސަލަ ދިމާވަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.
މެކްރޫމަރސް ފޯރަމްގައި ޓީ1އާޖް ކިޔާ ޔޫޒަރަކު ހިއްސާކޮށްފައިވާ ގޮތުގައި އެފަރާތުގެ އައިފޯން 16 ޕްރޯގެ ބެޓެރީ މެންދުރު ވަގުތު ވާއިރަށް 60 އިންސައްތައަށް ދަށްވެއެވެ. އަދި އެހެން ޔޫޒަރަކު ފާހަގަކޮށްފައިވަނީ އައިފޯން 16 ޕްރޯ މެކްސްގެ ބެޓެރީގެ ޗާޖު، ކުރިން ބޭނުންކުރި އައިފޯން 15 ޕްރޯ މެކްސްއާ އަޅާބަލާއިރު 50-60 އިންސައްތަ އަވަހަށް ހުސްވާ ކަމަށެވެ.
ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި ފޯނު ބޭނުން ނުކުރާ ވަގުތުތަކުގައި ވެސް ބެޓެރީގެ ޗާޖު ހުސްވަމުންދާ ކަމަށް ވެއެވެ. މިގޮތުން ހުއާންބްރަދަރ ކިޔާ ޔޫޒަރަކު ބުނެފައިވަނީ އޯލލްވޭސް އޮން ޑިސްޕްލޭ އަދި ޕްރޯމޯޝަން ފީޗަރތައް ނިއްވާލުމަށްފަހު ވެސް ހަތަރު ގަޑިއިރު ތެރޭގައި ބެޓެރީ 11 އިންސައްތަ ދަށްވެފައިވާ ކަމަށެވެ.
ރެޑިޓްގައި އޯކޭ-އިންޓްރެސްޓް-6561 ކިޔާ ޔޫޒަރަކުވެސް ހިއްސާކޮށްފައިވަނީ އައިފޯން 16 ޕްރޯއެއް ގަތީ ބެޓެރީގެ ޗާޖު ގިނައިރު ދެމިހުންނާނެކަމަށް ޤަބޫލުކުރެވިގެން ކަމަށާއި، ނަމަވެސް ރޭގަނޑު ފޯނު ބޭނުން ނުކޮށް ބެހެއްޓުމުންވެސް އޭގެ ޗާޖު 10-15 އިންސައްތަ ދަށްވެފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެޕަލްއިން އަދި ރަސްމީ ބަޔާނެއް ދީފައެއް ނުވެއެވެ. ނަމަވެސް ގިނަ ފަރާތްތަކުން އުއްމީދުކުރަނީ އަންނަ އައިއޯއެސް އަޕްޑޭޓްގައި މި މައްސަލައަށް ހައްލެއް ލިބޭނެ ކަމަށެވެ.
މި މައްސަލަ ދިމާވަމުންދާތީ، އައިފޯން 16 ސީރީޒްގެ ބޭނުންކުރާ ފަރާތްތަކުގެ މެދުގައި ކަންބޮޑުވުން އިތުރުވެފައިވާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ.