ގދ. ނަޑެއްލާގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެެނެސްފިއެވެ.
ފުލުހުން ބުނީ ނަޑެއްލާ ޖެޓީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން، އެ ސަރަޙައްދުގައި މަޑުކޮށްފައި އޮތް ރަށު ޕިކަޕެއް ކައިރީގައި ހުރި މީހެއްގެ ގައިގައި ޖެހިފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 12:05 ގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ސައިކަލުގައި އުމުރުން 18 އަހަރުގެ ދެ މީހުން ތިބި ކަމަށާއި، ސައިކަލު ދުއްވަން އިނީ ލައިސެންސް ވެސް ނެތް މީހެއް ކަމަށެވެ. އަދި ޕިކަޕު ކައިރީގައި މަޑުކޮށްގެން ހުރި މީހަކީ 47 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އެ ތިން މީހުންވެސް ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށައި، އޭގެ ތެރެއިން ސައިކަލު ދުއްވި މީހާއާއި ޕިކަޕު ކައިރީގައި ހުރި މީހާ އިތުރު ފަރުވާއަށް މިއަދު މާލެ ގެންގޮސްފައިވާ ކަމަށެވެ.
އެ ދެ މީހުންނަށްވެސް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުޤީޤުކުރަމުން އަންނަ ކަމަށެވެ.









