ސެޕްޓެމްބަރުގައި މަގުމަތީގެ އެކްސިޑެންޓުތައް ރެކޯޑު އަދަދަކަށް މަދު ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ގިނަ އަދަދަކަށް މަގުމަތީގެ އެކްސިޑެންޓުތައް ހިނގާފައިވާއިރު، އެހެން މަސްތަކާއި އަޅާބަލާއިރު މިދިޔަ ސެޕްޓެމްބަރު މަހުގައި ހިނގާފައިވަނީ ވަރަށް މަދު އެކްސިޑެންޓުތަކެކެވެ. އެގޮތުން ސެޕްޓެމްބަރު މަހު 186 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި އަހަރުގެ މިހާތަނަށް ޖުމްލަ 2،192 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާއިރު، ކޮންމެ މަހަކު ވެސް 200 އަށް ވުރެ ގިނަ އެކްސިޑެންޓު ހިނގާފަވެއެވެ. ނަމަވެސް މި އަދަދު މިދިޔަ މަހު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައި ވާ ކަމަށް ފުލުހުން ހާމާކުރިއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހު 263 އެކްސިޑެންޓު، ފެބްރުއަރީ މަހު 267 އެކްސިޑެންޓު، މާޗު މަހު 301 އެކްސިޑެންޓު، އޭޕްރިލް މަހު 219 އެކްސިޑެންޓު، މެއި މަހު 225 އެކްސިޑެންޓު، ޖޫން މަހު 214 އެކްސިޑެންޓު، ޖުލައި މަހު 210 އެކްސިޑެންޓު، އަދި އޮގަސްޓު މަހު 204 އެކްސިޑެންޓު ވަނީ ހިނގާފައެވެ.
އެގޮތުން. މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގައި ވެސް 186 އެކްސިޑެންޓު ހިނގާފައިވާއިރު، މުޅި އަހަރު ޖުމްލަ 2300 މަގުމަތީގެ އެކްސިޑެންޓު ވަނީ ހިނގާފައެވެ. މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު އެކްސިޑެންޓުތައް ވަރަށް ގިނަކަން ފާހަގަކުރެވެއެވެ.
އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުން ދަނީ މަގުމަތީ ޓްރެފިކް ބަލަހައްޓަމުންނެވެ. އެގޮތުން ކޮންމެ 5 މިނެޓަކުން މަގުމަތިން ފުލުހަކު ފެންނަ ގޮތަށް މަގުތަކުގެ ރައްކާތެރިކަން ފުލުހުން ދަނީ ބަލަހައްޓަމުންނެވެ.
މި އަހަރު އެކްސިޑެންޓުތަކުގެ އިތުރުން ވައްކަމުގެ މައްސަލަތައް ވެސް ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު 366 ވައްކަމުގެ މައްސަލަ ރިޕޯޓުކުރެވުނު އިރު، މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް 2،920 ވައްކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ.









