މާލޭގެ ގެއެއްގެ ކޮޓަރިތެރޭގައި އަލިފާން ރޯކުރި 26 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ފަސް ދުވަހަށް ބަންދުކޮށްފިއެވެ. މއ. އުއިވަޝާގެ، ޔައީޝް އަހުމަދު ބަންދު ކުރަން އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، ފުލުހުން އޭނާގެ މައްޗަށް ކުރަނީ ގަސްތުގައި އަލިފާން ރޯކުރުމުގެ ކުށުގެ ތުހުމަތެވެ.

ފުލުހުން އެ ގެއަށް ދިޔުމުން ފެނިފައިވަނީ ގޭގެ ފާރެއްގައި ހުރި ކަރުދާސްތަކެއްގައި އަލިފާން ރޯކޮށްފައި ހުއްޓައެވެ. މި އަލިފާން ނިއްވާލީ ފުލުހުންނެވެ. ޔައީޝް އަހުމަދު އަނބުރާ އެތަނަށް އައުމުން ސުވާލު ކުރި ކަމަށާއި، އޭނާ އެތަނުގައި ގަސްތުގައި ރޯކޮށްލީ ކަމަށް އެއްބަސްވެފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.

ކޯޓު އަމުރުގައިވާ ގޮތުން ޔައީޝް ބުނެފައިވަނީ އެތަނުގައި ރޯކޮށްލީ ކޮޓަރީގައި "ޑިޒައިނެއް ހެދުމުގެ ގޮތުން" ކަމަށެވެ. އޭނާ އަކީ ހައްޔަރާއި ބަންދުގެ ރެކޯޑެއް އޮތް މީހެއް ކަން އަމުރުގައި ފާހަގަކޮށްފައިވެއެވެ. ކޯޓުން ނިންމާފައިވަނީ ޔައީޝް އަހުމަދު ފަސް ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށެވެ.