ހުޅުމާލޭގައި ހުރި ތިން ކެފޭއެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަނުން ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދިންގޮތުގައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިއްޔެ ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިންގަމުންދާ ތިން ޓޭކްއަވޭ/ކެފޭއެއް ބަލައި ފާސްކޮށްފައެވެ. މި އޮޕަރޭޝަނުގައި، އެތަންތަނުގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ ދެ ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިހާރުގެ ސަރުކާރުން ދަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި، މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރަމުންދާ ބިދޭސީންގެ މަސައްކަތްތައް ހުއްޓުވުމާއި، ގަވާއިދާ ޚިލާފަށް ކުރަމުންދާ ވިޔަފާރިތައް ބަންދުކުރުން ހިމެނެއެވެ.
އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2022 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން 2023 ވަނަ އަހަރުގެ މޭ 17 އާ ހަމަޔަށް، ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅުނު 4,054 ބިދޭސީން ވަނީ އެމީހުންގެ އަމިއްލަ ޤައުމުތަކަށް އަނބުރާ ފޮނުވާލާފައެވެ. މި މުއްދަތުގައި އެންމެ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލާފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގައެވެ.









