ބ. ކެންދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައި، ފުލުހުން ގާއިމުވެތިބެ ޚިދުމަތްދޭން ފަށައިފިއެވެ. މިއަދު އެރަށުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ކައުންސިލްގެ ރައީސް އިބްރާހީމް ޢަބްދުއްރަޙްމާންއެވެ.
ކެންދޫގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި ޕޮލިސް ޑެސްކެއް ޤާއިމްކޮށް ޚިދުމަތް ދޭން ފެށީ 6 މެއި 2016ގައެވެ. މިއަދު ހުޅުވުނު ޕޮލިސް ޕޯސްޓަކީ މި ޚިދުމަތް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފާހަަގަކުރެވެއެވެ.
ޕޮލިސް ޕޯސްޓު ހުޅުވައިދެއްވުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ދެއްކެވި ވާހަކައިގައި، ކެންދޫއަކީ ކުށްމަދު އަމާން މުޖުތަމައެއް އޮންނަ އިޖުތިމާއީ ގުޅުން ބަދަހި ރަށެއްކަން ފާހަގަކުރެއްވިއެވެ. އަދި ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްފިނަމަ ކުށްމަދު ގައުމަކަށް މި ގައުމު ވެގެންދާނެކަމަށް އުންމީދު ފާޅުކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިތުރަށް ވިދާޅުވީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުވުމުގެ މުހިންމުކަމާއި، އެކަމުން މުޖުތަމައުގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާއި، އަމަން އަމާންކަން ނެގެހެއްޓުމަށް ލިބޭނެ ފައިދާތަކުގެ ވާހަކައެވެ. އަދި ކުށްކުރުން ހުއްޓުވައި ތަޙުޤީޤުކޮށް، ޤާނޫނު ތަންފީޒުކުރުމަށް މި ޕޯސްޓުން އެހީތެރިވެދޭނެކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީ އަދި ފުލުހުންގެ އިސް އޮފިސަރުންނާއި ބ. އަތޮޅު ކައުންސިލު ރައީސް އަޙްމަދު އަފްރާޙް އަދި ކެންދޫ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކެންދޫ ޕޮލިސް ޕޯސްޓު ހުޅުވުމާއެކު، އެތަނުގައި ޤައުމީ ދިދައާއި ފުލުހުންގެ ދިދަ ނަގައި، ރަސްމީކޮށް ފުލުހުންގެ ޚިދުމަތް ފެށިގެން ގޮސްފައިވެއެވެ. މި ޕޯސްޓު ހުޅުވުމަކީ ރަށުގެ އަމަން އަމާންކަމާއި ސަލާމަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއްކަމަށް ބެލެވެއެވެ.









