ހުޅުމާލޭގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ހަތް ބިދޭސީއަކު އަތުލައިގެންފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މި މަހުގެ 13 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި ހުންނަ ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއް ބަލައިފާސްކޮށްފައިވާ ކަމަށާއި، އެތަނަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް ބިދޭސީން ދިރިއުޅެމުން އަންނަ ތަނެއްކަން ފާހަގަވެފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ އެތަން ބަލައިފާސްކޮށް، ޤަވާޢިދާ ޚިލާފަށް އުޅެމުން އައި ހަތް ބިދޭސީ ފިރިހެނަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން 4,000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ.









