އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މަސައްކަތްކުރާ މާބަނޑު އަންހެނުންނާއި ޅަދަރިމައިންނަށް ފްލެކްސިބަލް ޑިއުޓީ ހަމަޖައްސައިދޭ އުސޫލު އަލުން ތަންފީޒުކުރަން ފަށައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ އިންޓަރނަލް މެމޯއަކާ ގުޅިގެން މުވައްޒަފުންގެ ފަރާތުން ފާޅުކުރި ކަންބޮޑުވުންތަކަށް އިޖާބަދިނުމުގެ ގޮތުންނެވެ.
އައިޖީއެމްއެޗްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރިން ނެރުނު މެމޯގައި ފްލެކްސިބަލް ޑިއުޓީ އެއްކޮށް ހުއްޓާލެވޭ ކަމަށް ދޭހަވިނަމަވެސް، މާބަނޑު އަންހެނުންނަށް ދެމުންގެންދިޔަ ލުއިތަކަށް އެއްވެސް ބަދަލެއް ގެނެވިފައި ނުވާ ކަމަށެވެ. އަދި ހޮސްޕިޓަލުގެ 24 ގަޑިއިރުގެ ޚިދުމަތަށް ބުރޫނާރާނެ ގޮތަށް ފްލެކްސިބަލް ޑިއުޓީ ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޅަދަރިމައިންނަށް ޚާއްޞަ އިނާޔަތްތަކެއްގެ ގޮތުގައި، ނައިޓް ޑިއުޓީ ނުހެދުމާއި، މަސައްކަތް ލުއި ޑިޕާޓްމަންޓްތަކަށް ވަގުތީގޮތުން ބަދަލުވުމުގެ ފުރުޞަތު ދެމުންދާ ކަމަށްވެސް އައިޖީއެމްއެޗްއިން ހާމަކޮށްފައިވެއެވެ.
"މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް މި އުސޫލު ކުރިންވެސް އޮތް ގޮތަށް ބަދަލުކުރުމަށް މެނޭޖްމަންޓުން ނިންމާފައިވާ ވާހަކަ ދަންނަވަން." އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައިވެއެވެ.
އައިޖީއެމްއެޗްއިން އިތުރަށް ބުނެފައިވަނީ، ރައްޔިތުންނަށް ދޭ ޚިދުމަތްތަކަށް ދަތިނުވާނެހެން، މުވައްޒަފުންނަށް ފަސޭހަ މާޙައުލެއް ޤާއިމްކޮށްދިނުމަށް އަބަދުވެސް އިސްކަންދޭނެ ކަމަށެވެ. މި ބަދަލާއެކު، އައިޖީއެމްއެޗްގެ މާބަނޑު އަންހެނުންނާއި ޅަދަރިމައިންނަށް އަލުން ފްލެކްސިބަލް ޑިއުޓީގެ ފުރުޞަތު ލިބިގެންދާނެއެވެ.









