އއ. ރަސްދޫގައި ޗުއްޓީ ހޭދަކުރަމުން އައި ފަތުރުވެރިއަކު މަރުވެއްޖެއެވެ.
ފުލުހުން ބުނި އިއްޔެ އެމީހާ މަރުވެފައިވަނީ ރަސްދޫ ކައިރީގައި އޮންނަ ގަންގެހި ރިސޯޓު ބޭރުގައި ސްނޯކްލިން އަށް ގޮސް އުޅުމުގެ ތެރޭގައި ކަމަށެވެ. މި ހާދިސާގައި މަރުވެފައިވަނީ 27 އަހަރުގެ ޗައިނާގެ ފަތުރުވެރިއެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެމީހާ މަރުވި ކަމުގެ ރިޕޯޓު ލިބިފައިވަނީ އިއްޔެ ހެނދުނު 11:22 ގައި ކަމަށާއި، އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް އެ މީހާ އޮތީ މަރުވެފައިކަމަށް ހެލްތު ސެންޓަރުން މަޢުލޫމާތު ދީފައިވާކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުޤީޤުކުރަމުން އަންނަ ކަމަށެވެ.
މި މަހުގެ ހަތް ވަނަ ދުވަހު ކ. މާފުށީގައި ސްނޯކްލިން އަށް ގޮސް އުޅެނިކޮށްވެސް މިފަދަ ހާދިސާއެއް ވަނީ ހިނގާފައެވެ. ފުލުހުން ބުނެފައިވަނީ އެ ހާދިސާގައިވެސް މަރުވެފައިވަނީ ޗައިނާ ފަތުރުުވެރިއެއް ކަމަށާއި، އޭނާއަކީ އަނބިމީހާއާއެކު ހަނިމޫނަށް އައިސް އުޅުނު މީހެއް ކަމަށެވެ.









