މިދިޔަ އޮގަސްޓްމަހުގެ 14 ވަނަ ދުވަހު ނިޔާވި ވިފާގު އިބްރާހިމް އަދުނާނުގެ މަރާއި ގުޅިގެން ރާއްޖޭގެ މީޑިއާއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ފުލުހުންނާއި ގުޅޭގޮތުން ގެނެސްދިނީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަންސް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވަނީ ވިފާގު އިބްރާހިމްގެ މަރާއި ގުޅޭގޮތުން ޗެނަލް 13 އިން ގެނެސްދީފައިވާ ޕްރޮގްރާމްގައި ފުލުހުން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.
ޝިފާއު ވިދާޅުވީ ވިފާގު އިބްރާހިމްގެ މަރުގެ މައްސަލައަކީ ފުލުހުން ތަހުޤީޤު ކުރަމުންދާ މައްސަލައެއްކަމަށާއި، މީޑިއާއިން ގެނެސްދިން ޕްރޮގްރާމްގައި ފުލުހުންނަށް ތުހުމަތުތަކެއް ކުރިނަމަވެސް، އެކަމުގައި ފުލުހުންގެ ބަސް ހޯދާފައެއް ނުވާކަމަށެވެ. އަދި އެ ޕްރޮގްރާމުގައި ޒާތީ ބައެއް މައުލޫމާތުތަކާއި އެކު ދޮގު މައުލޫމާތުތައްވެސް ހިމެނިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމާއި ގުޅިގެން ފުލުހުންގެ ކަންބޮޑުވުންތައް އެބަހުރި. އެއީ ކަމުގެ ހަޤީޤަތް ރަނގަޅަށް ނުބަލާ، ބްރޯޑްކާސްޓް ކޮށްފައިވާ ޕްރޮގްރާމެއް. އަޅުގަނޑުމެންވާނީ އެ ޕްރޮގްރާމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ބްރޯޑްކާސްޓިންގ ކޮމިޝަނާ މިހާރު ހިއްސާކޮށްފައި" ޝިފާއު ވިދާޅުވިއެވެ.
ޝިފާއު އިތުރަށް ވިދާޅުވީ ފުލުހުންގެ މި މައްސަލަ ތަހުޤީޤު ކުރަމުންދާ ގޮތާއިމެދު އާންމުންގެ ހިތުގައި ޝައްކު އުފެދޭގޮތަށް މައުލޫމާތު ގެނެސްދީފައިވާކަމަށެވެ. ނަމަވެސް މި މައްސަލަ ފުލުހުން ތަހުޤީޤުކުރަމުންދަނީ އެއްވެސް ނުފޫޒެއްނެތި، އޮންނަ އުސޫލުގެ ތެރެއިންކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަސަން ޝިފާއު ވިދާޅުވީ، ވިފާގަކީ 2016 ވަނަ އަހަރުން ފެށިގެން ނަފުސާނީ ބައްޔަށް ފަރުވާ ކުރަމުން އައި މީހެއް ކަމަށާއި، އޭނާއަކީ އެއްވެސް އިރެއްގައި ޖިންސީ ގުޅުމެއް ހިންގާފައޮ ނުވާ މީހެއްކަން މެޑިކަލް ރިޕޯޓުތަކުން އެނގެއެވެ.. އަދި ޕާސަނާލިޓީ ޑިސްއޯޑާގެ ބޯޑާލައިން ޓައިޕަށް އޭނާ ޑަޔަގްނޯސްކޮށްފައިވާ ކަމަށެވެ.
"ވިފާގް ނިޔާވިއިރު އޭނާ ވަނީ ބިކުރުވެރި ހާލަތެއްގައިކަން ވިފާގްގެ މެޑިކަލް ރެކޯޑުތަކުން އެނގެން އޮތުމުން އޭނާއަކީ އެއްވެސް އިރެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހެއް ނޫންކަން ވަނީ ކަށަވަރުކުރެވިފަ،" ޝިފާއު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ޝިފާއު ވަނީ މިފަދަ ހާދިސާތަކާއި ގުޅިގެން ކަށަވަރުނުވާ މައުލޫމާތުތައް ހިމަނައިގެން އެއްވެސް މީޑިއާއަކުން ޕްރޮގްރާމްތައް ނުގެނެސްދިނުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި މިފަދަ މައްސަލަތަކުގެ ޚަބަރުތައް ގެންނައިރު މީޑިއާތަކުން ސަމާލުވުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ.









