މި އަހަރުގެ ދެވަނަ ކުއާޓާއާ ހަމައަށް ޓޫރިޒަމް ދާއިރާއިން ޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއްގެ ނަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު މީރާއިން މި މަޢުލޫމާތު ހާމަކުރީ ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުންނެވެ.
މީރާއިން ބުނީ ނަން އާންމުކުރި ފަރާތްތަކަކީ ދެވަނަ ކުއާޓަރާ ހަމައަށް ޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި އެއް ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ ފަރާތްތަކެވެ. މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ގެސްޓުހައުސް އަދި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ގެސްޓުޝޮޕު ފަދަ ތަންތަން ވެސް ހިމެނެއެވެ.
މީރާއިން އިތުރަށް ހާމަކުރި ގޮތުގައި، މި ފަރާތްތަކުގެ ނަން ހާމަކުރުމުގެ ކުރިން ފައިސާ ދެއްކުމަށް ތަކުރާރުކޮށް ހަނދާންކޮށްދީ ތަފާތު ނޯޓިސްތައް ފޮނުވައި އިތުރު މުއްދަތުތަކާއި ފުރުސަތުތައް ވެސް ދީފައިވެއެވެ. އަދި އެއްފަހަރާ ފައިސާ ދެއްކެން ނެތްނަމަ އިންސްޓޯލްމަންޓު އުސޫލުން ބަހާލައިގެން ފައިސާ ދެއްކުމުގެ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވެސް ދީފައިވާކަމަށް މީރާއިން ބުންޏެވެ.
Advertisement

މީރާއިން ހާމަކުރި ގޮތުގައި، ފާއިތުވި ތިން މަސް ތެރޭގައި ޖުމްލަ 44،390 އެސްއެމްއެސް، 22,761 ފޯނުކޯލް އަދި 30,550 ނޯޓިސް ޓެކްސް ދައްކާ ފަރާތްތަކަށް ފޮނުވާފައިވެއެވެ. އަދި 397 ފަރާތަކަށް އިންސްޓޯލްމަންޓް ޕްލޭންތަކުގެ ދަށުން ބަހާލައިގެން ފައިސާ ދެއްކޭނެ ލުއިގޮތްތަށް ހަމަޖައްސައިދީފައިވާ ކަމަށްވެސް މީރާއިން މައުލޫމާތު ދިނެވެ.
މި ފިޔަވަޅުތަކަކީ ޓެކްސް ދެއްކުމުގެ ޒިންމާ އަދާކުރުމަށް ހިތްވަރުދިނުމާއި، ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހޯދުމަށް މީރާއިން އަޅަމުންދާ ފިޔަވަޅުތަކެއްކަން ފާހަގަކުރެވެއެވެ.







