ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 9 ބިދޭސީން އިމިގްރޭޝަނުން އަތުލައިގަތްކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ. މި ބިދޭސީން ހައްޔަރުކުރެވުނީ ހުޅުމާލޭގެ 10 ތަނެއް ބަލައި ފާސްކުރުމަށްފަހުއެވެ.
އިމިގްރޭޝަނުން ޢާންމުކުރި ވީޑިއޯ ކްލިޕެއްގައި އެ އިދާރާގެ އޮފިސަރުންނާއި ފުލުހުން ހުޅުމާލޭގެ ބޯކޮށާ ތަންތަނާއި އެހެނިހެން ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނާ ސުވާލުކުރާ މަންޒަރު ދައްކާފައިވެއެވެ.
މޯލްޑިވްސް އިމިގްރޭޝަނާއި ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ގްރޭޓަރ މާލެ ސަރަޙައްދުގައި ޚާއްޞަ އޮޕަރޭޝަންތަކެއް ހިންގަމުންދާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2022 ވަނަ އަހަރުގެ ނޮވެންބަރު 17 އިން 2023 ވަނަ އަހަރުގެ އޮގަސްޓް 17 އާ ހަމައަށް، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 4,054 ބިދޭސީން ވަނީ އެމީހުންގެ ޤައުމުތަކަށް ފޮނުވާލާފައެވެ. މީގެ ތެރެއިން އެންމެ ގިނަ ބިދޭސީން ޑިޕޯޓްކޮށްފައިވަައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގައެވެ.









