ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް މުވައްޒަފުންނަށް މަޢުލޫމާތުދިނުމުގެ ހަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
ވޯކްފޯސް ހެލްތު އެންޑް ވެލްބީންގ އާއި ވިކްޓިމް ސަޕޯޓު ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲއެވެ.
މި ހަރަކާތުގައި ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓް އަދި ވޯކްފޯސް ހެލްތު އެންޑް ވެލްބީންގގެ އިސްވެރިންނާއި މުވައްޒަފުންނާއި ވިކްޓިމް ސަޕޯޓުގެ މުވައްޒަފުން ބައިވެރިވެލެއްވި ކަމަށް ފުލުހުން ބުންޏެވެ.
ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ މަލްޓިޕާޕަސް ހޯލުގައި މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ނަފްސާނީ ބަލިތައް ދެނެގަންނާނެ ގޮތާއި، އެ ބަލިތަކުގެ އަލާމާތްތައް ކުރިން ދެނެގަނެ މެނޭޖުކުރާނެ ގޮތުގެ މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން، މުވައްޒަފުންގެ ސްޓްރެސް، އެންޒައިޓީ އަދި ޑިޕްރެޝަން ހުރި މިންވަރު ދެނެގަތުމަށް ސްކްރީންކޮށް އަދި އެފަދަ ކަންކަމުން ރައްކާތެރިވުމަށް މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުންގެ ޑިއުޓީ އަދާކުރުމުގައި ދިމާވާ ހިތްނުތަނަވަސްވާ ކަންކަމަށް ޚާއްސަކޮށް ޓްރޯމާ ސްކްރީންކުރުމާއި، މުވައްޒަފުން ބަރން އައުޓްވެފައިވާ މިންވަރު ދެނެގަތުުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ހުރި މިންވަރު ދެނެގަތުމަށް ސްކްރީންކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ ސްކްރީނިންގ. / ފޮޓޯ: ފުލުހުން
މީގެ އިތުރުން ސެލްފް ކެއަރ ޗެކްލިސްޓް، ސެލްފް ކެއަރ ޓިޕްސް އަދި ގްރެޓިޓިއުޑް ހަރަކާތްތަކާއި ކުޑަކުދިންނަށް ދިމާވާ ނަފްސާނީ މައްސަލަތަކާއި ހެދިބޮޑުވުމުގައި ހުންނަ އުނި ކަންތައްތައް ދެނެގަންނާނެގޮތާއި ބެލެނިވެރިންގެ ކަންބޮޑުވުންތަކާ ކުރިމަތިލާނެގޮތުގެ ލަފަޔާއި މަޢުލޫމާތުވެސް ދީފައިވާކަމަށް ފުލުހުން ބުންޏެވެ.
ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވި މި ހަރަކާތުގައި މައުލޫމާތުދެއްވީ މޯލްޑިވްސް އެލައިޑް ހެލްތުގައި ރަޖިސްޓްރީވެފައިވާ ލައިސެންސްޑް ސައިކޮލޮޖިސްޓުންނާއި ކައުންސެލަރުންނެވެ.
މި ސެޝަނުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ޚާއްސަ ލަކީޑްރޯއެއް ނަގައި ލަކީޑްރޯއިން ހޮވުނު ޕޮލިސް ކޮންސްޓަބަލް ސަމްޢާން އިސްމާއިލް އަށް ޕޮލްކޯއިން ސްޕޮންސަރކޮށްފައިވާ ޚާއްސަ ހަދިޔާއެއް ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިއަހަރުގެ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިއާރަކީ "އިޓްސް ޓައިމް ޓު ޕްރިއޮރޮޓައިޒް މެންޓަލް ހެލްތު އިން ދަ ވޯކް ޕްލޭސް" ނުވަތަ "މިއީ މަސައްކަތުގެ މާހަޢުލުގައި ނަފްސާނީ ސިއްޙަތަށް އިސްކަންދޭންވީ ވަގުތު" އެވެ.









