ބަނގުރަލުގެ މައްސަލައެއްގައި ހުޅުމާލެއިން ލަންކާ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރޭ ޕެޓްރޯލް ކުރަމުންދިޔަ އިރު ލިބުނު މައުލޫމާތަކާ ގުޅިގެން، ކާރެއް ހުއްޓުވައި ބަލައިފާސްކޮށްގެން ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސްރީލަންކާ ރައްޔިތެއްކަމުގައިވާ ތަރިންދު މަހޭސްހަކަ (25އ) ކަމަށެވެ.
އޭނާ ދުއްވި ކާރު އަމީން އެވެނިއު ކައިރިން ހުއްޓުވައި ބަލައިފާސްކުރިއިރު 28 ފުޅި ބަނގުރާ ފެނިފައިވާކަމަށާއި، މި މައްސަލައާ ގުޅިގެން އޭނާ ދުއްވި ކާރު ޓޯވކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުޤީޤުކުރަމުންނެވެ.









