މަސްތުވާތަކެތީގެ މައްސަލައެއްގައި އެއަރޕޯޓުން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުން ފުރަންގޮސް ހުއްޓާ ކަމަށެވެ.
ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ނޫމަރާ / ހަވީރީގެ، ޢަބްދުﷲ ފަޞީހް (24އ) ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 340 ގްރާމް ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ޢަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުޤީޤުކުރަމުންނެވެ.









