މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އޮޅުވާލައިގެން ވައިގެ މަގުން ވަންނަން އުޅުނު 45 މީހަކު ހުއްޓުވާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެންމެ ގިނަ މީހުން ހުއްޓުވާފައިވަނީ މި އަހަރުގެ ތިންވަނަ ކުއާޓަރުގައެވެ. އެގޮތުން ތިންވަނަ ކުއާޓަރުގައި 20 މީހުން ހުއްޓުވާފައިވާއިރު، ދެވަނަ ކުއާޓަރުގައި 17 މީހުންނާއި، ފުރަތަމަ ކުއާޓަރުގައި 8 މީހުން ހުއްޓުވާފައިވާ ކަމަށް އިނިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ޖުމްލަ 50 މީހަކު ވަނީ ދިވެހިރާއްޖެއަށް އޮޅުވާލައިގެން ވަނުމަށް މަސައްކަތްކުރަނިކޮށް ހުއްޓުވާފައިވާ ކަމަށެވެ. މި މުއްދަތުގައި ފާހަގަކުރެވުނު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:
- ނަކަލު ޕާސްޕޯޓު: 31 މައްސަލަ
- ޝަޚްޞު އޮޅުވާލުން: 5 މައްސަލަ
- ނަކަލު ސްޓޭމްޕް: 4 މައްސަލަ
އިމިގްރޭޝަނުން މަޢުލޫމާތު ދިންގޮތުގައި، އެ އިދާރާއިން ދަނީ ބޯޑަރ ކޮންޓްރޯލްގެ ކަންކަން ހަރުދަނާކުރުމަށް މަސައްކަތްކުރަމުންނެވެ. އަދި މަޢުލޫމާތު އޮޅުވާލައިގެން ދިވެހިރާއްޖެއަށް ވަނުމަށް މަސައްކަތްކުރާ ފަރާތްތައް ދެނެގަތުމާއި ހުއްޓުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. މީގެ ތެރޭގައި، ޤާނޫނާ ޚިލާފަށް ދިވެހިރާއްޖެއަށް ވަނުމަށް މަސައްކަތްކުރާ ފަރާތްތަކުގެ މައްސަލަ އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ރިޕޯޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށް އެ އިދާރާއިން ހާމަކުރިއެވެ.









