މާލޭގެ ގެއަކަށް މީހަކު ވައްދައި އެ މީހާ ބަރަހަނާކޮށް، ބިރު ދައްކައިގެން ކޭޝް ކާޑުގެ ޕިން ނަންބަރު ހޯދުމަށްފަހު އެކައުންޓުގައިވާ ފައިސާތައް ފޭރުނު މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދަޢުވާކޮށްފިއެވެ.
މި މައްސަލާގައި ދަޢުވާ ކޮށްފައިވަނީ މއ. މަސްފަން، އާއިޝަތު އާއި މއ. މަސްފަން، މުހައްމަދު ރީހާން އަދި ސ. ހިތަދޫ / ސޯމާ، ޝަފީގު އިބްރާހީމްގެ މައްޗަށެވެ. އެ ތިން މީހުންވެސް ތިބީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ދިލްބަހާރުމަގުގައި ހުންނަ މއ. މަސްފަންގެ ކައިރީގައި ހުރި މީހަކަށް ގޮވައި އޭނާ އެ ގެއަށް ވައްދައިގެން މިދިޔަ ޖުލައި މަހުގެ ތެރޭގައި ފޭރުނު މައްސަލާގައި ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 23 ގައި ކަމަށެވެ.
މި މީހުންގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކުގެ ތެރޭގައި ހިމެނެނީ އެނގި ހުރެ ޙުއްދަ ނޫން ގޮތުގައި މަޢުލޫމާތު ހޯދުމުގެ ކުށުގެ ދަޢުވާ އާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާގެ އިތުރުން ފޭރުމުގެ ދަޢުވާއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ އަނިޔާ ލިބުނު މީހާ އެގެއަށް ވައްދާފައިވަނީ އަންހެނެއް ކަމަށާއި، އޭނާ އެގެއަށް ވަނުމުން ދެ ފިރިހެނުން ވެގެން އޭނާ ހިފަހައްޓައި، ވަޅިއަކުން ބިރުދައްކައި ބަރަހަނާކޮށް އެމީހާގެ ފޯނު އަތުލާފައިވާ ކަމަށެވެ. އެޔަށްފަހު އެ މީހާގެ އެކައުންޓުން އެހެން އެކައުންޓަކަށް 20,000 ރުފިޔާ ފޮނުވުމަށްފަހު، އެމީހާގެ ކާޑު ބޭނުންކޮށްގެން އޭޓިއެމް އިން 25,000 ރުފިޔާ ނަގާފައިވާކަމަށް ފުލުހުން ބުންޏެވެ.
ކްރިމިނަލް ކޯޓުގެ ޢަމުރުގައި ބުނެފައިވަނީ އެ ޙާދިސާ ހިނގި ގެއަކީ ތަކުރާރުކޮށް އެކި ބޭނުންތަކަށް މީހުން ވެއްދުމަށް ފަހު ބިރުދައްކާ ކަމުގެ ރެކޯޑު އޮތް ގެއެއް ކަމަށެވެ.









