ނެޝަނަލް އާޓް ގެލެރީން ވައްކަން ކުރާ މައްސަލަ ބޮޑުވަމުން ދިއުމާ ގުޅިގެން އެތަނުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ފުލުހުން ލަފާދީފިއެވެ.
އާޓް ގެލެރީން މިދިޔަ ހުކުރު ދުވަހު ކަރަންޓު ކޭބަލްތައް ވަގަށް ނަގާފައިވާއިރު، އާޓިސްޓުން ވަނީ މިކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. ތިން ފަހަރެއްގެ މަތިން ކަރަންޓު ކޭބަލްތައް ވަގަށް ނަގާފައިވާއިރު، އެތަނުގެ ފުރާޅަށް އަރާ އޭސީތަކުގެ އައުޓްޑޯ ޔުނިޓްތަކެއް ވެސް ވަނީ ވަގަށް ގެންގޮސްފައެވެ.
މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ އާޓް ގެލެރީން ވައްކަން ކުރާ މައްސަލަތަކެއް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައިވެސް ހުށަހަޅާފައިވާކަމަށާއި، އެތަނުގެ ސެކިއުރީޓީ އެސެސްމެންޓްތަކެއް ފުލުހުން ހަދާފައިވާކަމަށެވެ. އަދި އެސެސްމެންޓްތައް ހެދުމަށްފަހު ސީސީޓީވީ ކެމެރާ ހަރުކުރުން ފަދަ ސެކިއުރިޓީ ވަރުގަދަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ލަފާދީފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ވައްކަމުގެ މައްސަލަތަކާ ގުޅޭ ގޮތުން ތަހުޤީޤުތައް ކުރަމުން އަންނަ ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.
އާޓިސްޓް ކޮމިއުނިޓީގެ ޗެއާޕާސަން އަހުމަދު އަޒްމީ ހަލީލް (ބާޗީ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގެލެރީގެ ކަރަންޓު ރައްކާތެރިކުރުމަކީ ފަންނާނުންގެ ޒިންމާއެއް ނޫން ކަމަށާއި މި މައްސަލައަށް ޙައްލެއް ހޯދުމަށް އެންސީއޭއާއި ގެލެރީ މެނޭޖްމަންޓުން އިތުރު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި މި މައްސަލައަށް ދާއިމީ ޙައްލެއް ބޭނުންވާ ކަމަށާއި، އާޓް ގެލެރީއާއި އާޓް ވޯކްސްވެސް ހިމާޔަތްކުރުމަށްޓަކައި ސަލާމަތީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ބާޗީ ވިދާޅުވިއެވެ.
ބާޗީ ވިދާޅުވީ މި ވައްކަންތައް ކުރަނީ ގަސްތުގައި އާޓިސްޓުންނާއި އެގްޒްހިބިޝަންތަކަށް ހުރަސް އެޅުމަށްކަމަށް ލަފާކުރެވޭ ކަމަށެވެ.









