މާލޭގެ ފިހާރައެއްގައި ތޫނު އެއްޗަކުން ހަމަލާދިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މއ. މަސްފަން، އުމުރުން 37 އަހަރުގެ މުނީޒް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ..
ފުލުހުންގެ ބުނިގޮތުގައި މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 5 ވަނަ ދުވަހުގެ ރޭ 10:01 ހާއިރު މާލޭގެ ދިލްބަހާރު މަގުގައި ހުންނަ ފިހާރައެއްގެ ތެރޭގައެވެ. މި ހަމަލާގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށެވެ. މުނީޒް ހައްޔަރުކޮށްފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި މުނީޒްގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިމަހުގެ 7 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝަރީޢަތް ނިމެންދެން އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. ކޯޓު އަމުރުގައިވާ ގޮތުން، މުނީޒްގެ މައްޗަށް ކުށުގެ ތުހުމަތު ކުރެވޭވަރަށް ހެކި ހުށަހަޅާފައިވެއެވެ. އަދި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ.








