މިދިޔަ ސެޕްޓެމްބަރު މަހު ހުޅުމާލޭގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 6،693 އުޅަނދު ބަލައި ފާސްކޮށް، 482 އުޅަނދުގެ ވެރިފަރާތަށް ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަމަށެވެ.
ފުލުހުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސެޕްޓެމްބަރު 12 އިން 30 އަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި 1،266 ކާރާއި 5،427 ސައިކަލު ބަލައި ފާސްކޮށްފައިވެއެވެ. މީގެ ތެރެއިން 88 ކާރާއި 394 ސައިކަލުގެ ވެރިފަރާތްތަކަށް ފިޔަވަޅު އަޅާފައިވާކަން ފާހަގަކުރެވެއެވެ.
ފުލުހުން ބުނީ 10 ކާރާއި 102 ސައިކަލު ދުއްވާފައިވަނީ ލައިސަންސް ނެތިކަން ފާހަގަކުރެވުނު ކަމަށެވެ. އަދި 20 ސައިކަލު ޓޯކުރެވުނު އިރު، 85 ކާރާއި 430 ސައިކަލުގެ ވެރިފަރާތްތަކަށް ނަސޭހަތްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެއިތުރުން، 3 ކާރާއި 40 ސައިކަލް ނުރައްކާތެރިކޮށް ދުއްވިކަމަށް ފާހަގަކުރެވުނު އިރު، ޓްރެފިކް ޤަވާޢދާ ޚިލާފުވެގެން 34 ކާރާއި 148 ސައިކަލު ހިފަހައްޓާފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިހާރުވެސް ދަނީ މަގުތަކަށް ނުކުމެ އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، އެކްސިޑެންޓްތައް މަދުކުރުމެވެ.









