ނެޝަނަލް އާޓް ގެލެރީން ކަރަންޓު ވައިރު ވަގަށް ނެގުމުގެ މައްސަލަ ބޮޑުވަމުން ދިއުމާ ގުޅިގެން އާޓިސްޓުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އާޓިސްޓް ކޮމިއުނިޓީގެ ޗެއާޕާސަން އަހުމަދު އަޒްމީ ހަލީލް (ބާޗީ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާޓް ގެލެރީއިން ތަކުރާރުކޮށް ކަރަންޓު ކޭބަލް ވަގާ ކަމަށާއި މިމައްސަލަ މިހާރު ބޮޑު އުދަނގުލަކަށް ވެއްޖެ ކަމަށެވެ.
ބާޗީ ވިދާޅުވީ ގެލެރީގެ ކަރަންޓު ރައްކާތެރިކުރުމަކީ ފަންނާނުންގެ ޒިންމާއެއް ނޫން ކަމަށާއި މި މައްސަލައަށް ޙައްލެއް ހޯދުމަށް އެންސީއޭއާއި ގެލެރީ މެނޭޖްމަންޓުން އިތުރު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި މި މައްސަލައަށް ދާއިމީ ޙައްލެއް ބޭނުންވާ ކަމަށާއި، އާޓް ގެލެރީއާއި އާޓް ވޯކްސްވެސް ހިމާޔަތްކުރުމަށްޓަކައި ސަލާމަތީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ބާޗީ ވިދާޅުވިއެވެ.
ބާޗީ ވިދާޅުވީ މި ވައްކަންތައް ކުރަނީ ގަސްތުގައި އާޓިސްޓުންނާއި އެގްޒްހިބިޝަންތަކަށް ހުރަސް އެޅުމަށްކަމަށް ލަފާކުރެވޭ ކަމަށެވެ.
މި މައްސަލައާ ގުޅޭ ގޮތުން އެންސީއޭއިން ބުނީ މައްސަލަ ޙައްލުކުރުމަށްޓަކައި ސަލާމަތީ ބާރުތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި ގެލެރީގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ޕްލޭނެއް އެކުލަވާލައި ކެމެރާ ސިސްޓަމް ހަރުކޮށް ސެކިއުރިޓީ ގާޑުން ބައިތިއްބަން ނިންމާފައިވާ ކަމަށް އެންސީއޭ އިން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުންވެސް އަންނަނީ ތަހުޤީޤުކުރަމުންނެވެ.









