ރެކޯޑް ޕްރޮޑިއުސަރު އަދި ކުރީގެ ރެޕް ލަވަކިޔުންތެރިޔާ ޝޯން "ޑިޑީ" ކޮމްބްސްގެ މައްޗަށް ނިއުޔޯކުގެ ކޯޓެއްގައި އުފުލާފައިވާ ޖިންސީ ޓްރެފިކިންގެ ދައުވާތަކަށް އިންކާރުކޮށްފިއެވެ.
"ޕީ ޑިޑީ" ގެ ނަމުން މަޝްހޫރުވެފައިވާ ކޮމްބްސްގެ މައްޗަށް ނިއުޔޯކްގެ ޕްރޮސެކިއުޓަރުން ޖިނާއީ ދައުވާތަކެއް އުފުލާފައި ވަނީ އޭނާގެ ގޭގައި ހޮލީވުޑްގެ ބޮޑެތި ތަރިން ގެނެސްގެން ބޭއްވި ޕާޓީތަކަށް ޓްރެފިކް ކޮށްގެން ކުޑަކުދިންނާއި ބޮޑެތި މީހުން ގެނެސް، އެ މީހުންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައެވެ. އަދި އެ މުޑުދާރު މަންޒަރުތައް ރެކޯޑުކޮށް އެކަމުގައި ބައިވެރިވި މީހުން ބްލެކްމެއިލް ކުރި ކަމަށް ވެސް ތުހުމަތު ކުރެވެއެވެ.
ކޮމްބްސްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރާ 120 މީހުން ތަމްސީލުކުރާ ވަކީލު، ޓޯނީ ބަޒްބީ ބުނެފަވަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިއުޔޯކާއި ލޮސް އެންޖެލިސްގައި އޭނާއާ ދެކޮޅަށް މަދަނީ ދަޢުވާ ކުރާނެ ކަމަށެވެ. ބަޒްބީ ބުނި ގޮތުގައި ޝިކާރައަކަށް ވެފައިވާ މީހުންގެ ތެރޭގައި 60 ފިރިހެނުންނާއި 60 އަންހެނުން ހިމެނޭ ކަމަށެވެ.
ބަޒްބީ އިތުރަށް ބުނީ ގޮތުގައި ތުހުމަތު ކުރެވޭ އަނިޔާ ގިނައިން ހިނގާފައިވަނީ ނިއުޔޯކް، ކެލިފޯނިއާ އަދި ފްލޮރިޑާގައި ބޭއްވި ޕާޓީތަކުގައެވެ. އަދި ބައެއް ހާދިސާތައް ހިނގާފައިވަނީ އޮޑިޝަންތަކުގައި، ޒުވާނުންނަށް ތަރިއަކަށް ހަދައިދިނުމުގެ ވައުދުގައި މަޖުބޫރުކޮށްގެން ކަމަށް އޭނާ ބުންޏެވެ.
އެހެންނަމަވެސް، ކޮމްބްސްގެ ވަކީލު އެރިކާ ވޯލްފް ބުނެފަވަނީ ކުޑަކުދިން ހިމެނޭ ގޮތަށް އެއްވެސް މީހަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ވާހަކައަކީ ދޮގު އަދި އަބުރު ކަތިލަން ދައްކާ ވާހަކަތައް ކަމަށާއި، އެ ވާހަކަތަކަށް ކޮމްބްސް އިންކާރުުރާ ކަމަށެވެ.
މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާއިރު، މުޅި ސޯޝަލް މީޑިއާގައި މި ވާހަކަ ފެތުރިފައިވާކަން ފާހަގަކުރެވެއެވެ. މި މައްސަލައިގެ ޝަރީޢަތް ކުރިއަށްދާނެ ގޮތާއިމެދު ގިނަ ބައެއްގެ ސަމާލުކަން ހުރިކަން ފާހަގަކުރެވެއެވެ.
މި މައްސަލައިގައި އެންމެ ބޮޑަށް ސަމާލުކަން ދެވިފައިވާ އެއް ތުހުމަތަކީ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބަރަށް އޭނާގެ އުމުރުން 15 އަހަރުގައި ކޮމްބްސް ޖިންސީ ގޯނާ ކުރި ކަމަށް ކުރެވޭ ތުހުމަތެވެ. މި ތުހުމަތާއި ގުޅިގެން ޖަސްޓިން ބީބަރު އަދި އޭނާގެ ފަރާތުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.
ކޮމްބްސްގެ މައްޗަށް ތުހުމަތު ކުރާ ފަރާތްތައް ތަމްސީލުކުރާ ވަކީލު ބަޒްބީ ބުނި ގޮތުގައި 3,280 އަށް ވުރެ ގިނަ މީހުން ވަނީ ކޮމްބްސް އެމީހުންނަށް އަނިޔާކުރި ކަމަށް ތުހުމަތު ކޮށްފައެވެ. މި ތުހުމަތުތައް ޔަގީން ކުރުމަށްފަހު 120 މީހުން ތަމްސީލުކުރަން ނިންމާފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.
މި މައްސަލައިގައި ހޮލީވުޑްގެ ތަރިންނާއި ސިޔާސީ މީހުން ވެސް ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭއިރު، ކޮމްބްސް އެ މުޑުދާރު މަންޒަރުތައް ރެކޯޑުކޮށް އެކަމުގައި ބައިވެރިވި މީހުން ބްލެކްމެއިލް ކުރި ކަމަށް ވެސް ތުހުމަތު ކުރެވެއެވެ. އަދި އެ ވީޑިއޯތައް ބޭނުންކޮށްގެން އޭނާގެ ނުފޫޒު ހޮލީވުޑާއި ސިޔާސީ މީހުންގެ މައްޗަށް ފޯރުވި ކަމަށް ތުހުމަތު ކުރެއެވެ.
މި މައްސަލަ ބަލަމުންދާއިރު، ކޮމްބްސްގެ ވިޔަފާރިތަކަށާއި އޭނާގެ އަބުރަށް ލިބޭނެ ގެއްލުމާއި މެދު ވެސް ސުވާލު އުފެދިފައި ވެއެވެ. އަދި މި މައްސަލައިގެ ސަބަބުން މުޅި މިއުޒިކް އިންޑަސްޓްރީއަށް ކުރާނެ އަސަރާއިމެދު ވެސް ކަންބޮޑުވުން ފާޅުކުރެވެމުން ދެއެވެ.









