ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގަނެވިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި ވިޔަފާރީގައި ޝާމިލްވާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިދިޔަ އޮގަސްޓު އަދި ސެޕްޓެންބަރު މަހު ޚާއްޞަ އިންސްޕެކްޝަންތަކެއް ހިންގާފައެވެ. މި އޮޕަރޭޝަންގެ ދަށުން، ހަށިވިއްކުމުގެ ވިޔަފާރީގައި ޝާމިލްވާ ކަމަށް ބެލެވޭ 5 ބިދޭސީ އަންހެނުންނާއި، އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، މި މައްސަލަތައް ތަޙުޤީޤުކުރުމަށްފަހު، މީގެ ތެރެއިން 3 މީހަކު ވަނީ ރާއްޖެ އަނބުރާ ނާދެވޭގޮތަށް ޑިޕޯޓުކޮށްފައެވެ. އަދި ބާކީ ތިބި 3 މީހުން ޑިޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، ހުއްދަނެތި ވިޔަފާރީގައި އުޅޭ ބިދޭސީންގެ އިތުރުން، އެކިއެކި ކުށްތަކަށް އަރައިގަންނަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ދަނީ ހަރުދަނާ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.
މި ފަދަ ޣައިރު ޤާނޫނީ ޙަރަކާތްތައް ހުއްޓުވުމަށް އިމިގްރޭޝަނުން އަޅަމުންދާ ފިޔަވަޅުތަކުގެ ބައެއްގެ ގޮތުން މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ. މިފަދަ ަދަ ޙަރަކާތްތަކުން ރާއްޖޭގެ އިޖްތިމާޢީ ރައްކާތެރިކަމަށާއި، ޤައުމީ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކާތައް ކުޑަކުރުމަށް މަސައްކަތްކުރަމުންދާކަން އިމިގްރޭޝަނުން ފާހަގަކުރިއެވެ.









