
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑުން 7-1 ލަނޑުން ސެލްޓިކް ބަލިކޮށްފިއެވެ. މި މެޗުން ލިބުނު މޮޅާއެކު ޑޯޓްމަންޑް މިހާރު އޮތީ ޗެމްޕިއަންސް ލީގުގެ އެއްވަނައިގައެވެ.
ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި، އެ ޓީމުގެ ފޯވަޑް ކަރީމް އަޑެޔޭމީ ވަނީ އެންމެ 31 މިނިޓުގެ ތެރޭގައި ތިން ލަނޑު ޖަހައި ހެޓްރިކެއް ހަދާފައެވެ. މީގެ އިތުރުން، އެމްރޭ ކޭން، ސާހޯ ގުރެސީ އަދި ފެލިކްސް އެންމޭޗާ ވެސް ވަނީ ލަނޑު ޖަހާފައެވެ. ސެލްޓިކްގެ ހަމައެކަނި ލަނޑު ޖެހީ ޖަޕާން މިޑްފީލްޑަރ ޑައިޒެން މައެޑާއެވެ.
ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައި، ޑޯޓްމަންޑް ތާވަލުގެ ބޮންތީގައި އޮތްއިރު، ލެވަކޫސަން އާއި ބްރެސްޓް ވެސް ދެ މެޗު ކާމިޔާބުކޮށްފައިވާއިރު، ޑޯޓްމަންޑަށް އެއްވަނަ ލިބިފައިވަނީ 9 ގޯލުގެ ފައިދާއާ އެކުގައެވެ.
މި މެޗުގެ ނަތީޖާއިން ސެލްޓިކްގެ މި ސީޒަނުގައި މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ވަނީ ނިމުމަކަށް އައިސްފައެވެ.









