ޔޫއެފާ ޗެމްޕިއަންސް ލީގުގެ އައު ފޯމެޓުގައި މި ސީޒަނުގައި ބާސެލޯނާ މޮޅުވި ފުރަތަމަ މެޗުގައި، ސްވިޒަލޭންޑްގެ ޔަންގް ބޯއިޒް އާ ދެކޮޅަށް ކުޅުނު މެޗުން 5-0 ގެ ބޮޑު ތަފާތަކުން މޮޅުވެއްޖެއެވެ.
ރޭ ބާސެލޯނާގެ ލުއިސް ކޮމްޕެނީސް އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރޮބަޓް ލެވަންޑޯސްކީ ދެ ލަނޑު ޖެހިއެވެ. މީގެ އިތުރުން ރަފީނިއާ، އިނީގޯ މާޓީނޭޒް އަދި ޔަންގް ބޯއިޒްގެ މުހައްމަދު އަލީ ކަމާރާ ބައިކޮޅަށް ޖެހި ގޯލަކުން ބާސެލޯނާއަށް މި ނަތީޖާ ކަށަވަރުވިއިރު ބާސާއިން ރޭ ގޯލު ހުޅުވާލީ ލެވަންޑޯސްކީއެވެ.
މެޗުގެ ފުރަތަމަ ލަނޑު ލެވަންޑޯސްކީ ޖެހީ އަށްވަނަ މިނެޓުގައެވެ. 34 ވަނަ މިނެޓުގައި ރަފީނިއާ ދެވަނަ ލަނޑު ޖެހުމަށްފަހު، ފުރަތަމަ ހާފް ނިމުމުގގެ ކުރިން މާޓީނޭޒް ތިންވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފައެވެ. ދެވަނަ ހާފުގައި ލެވަންޑޯސްކީ އޭނާގެ ދެވަނަ އަދި ޓީމުގެ ހަތަރުވަނަ ލަނޑު ޖެހިއެވެ. ބާސާގެ ފަސްވަނަ ގޯލަކީ މެޗުގެ ފަހު މިނެޓުތަކުގައި ޔަންގް ބޯއިޒްގެ ކަމާރާގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި މެޗަކީ ޗެމްޕިއަންސް ލީގުގެ އައު ފޯމެޓުގައި ބާސެލޯނާ މޮޅުވި ފުރަތަމަ މެޗެވެ. ކުރިން ކުޅުނު މެޗުގައި މޮނާކޯ އަތުން 2-1 އިން ބަލިވެފައިވާ ބާސެލޯނާއަށް މި މޮޅުވުމަކީ މުހިންމު ކާމިޔާބީއެކެވެ.
މުޅި މެޗު ވެސް ބާސެލޯނާއިން ޑޮމިނޭޓްކޮށް، ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، ޔަންގް ބޯއިޒްއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޖޮއެލް މޮންޓޭރޯއަށެވެ. ނަމަވެސް އޭނާގެ ޝޮޓް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.









