ޔޫއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީން 4-0 ލަނޑުން ސްލޮވާކިޔާގެ ސްލޮވާން ބްރަޓިސްލާވާ ބަލިކޮށްފިއެވެ. މި މެޗުގައި ފިލް ފޯޑެންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނުނުއިރު ޒުވާން ކުޅުންތެރިޔާ ޖޭމްސް މެކާޓީގެ ފުރަތަމަ ލަނޑާއެކު، ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ފޯޑެން ވަނީ އިތުރު އެސިސްޓެއްވެސް ހަދައިދީފައެވެ. މެޗުގެ 15 ވަނަ މިނެޓުގައި ފޯޑެން ޖެހި ލަނޑަކީ އޭރިޔާ ތެރޭގައި ހުރެ ޖެރެމީ ޑޯކޫ ޖައްސާލި ބޯޅަ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޒުވާން ކުޅުންތެރިޔާ ޖޭމްސް މެކާޓީ ވަނީ ފޯޑެންގެ އެސިސްޓަކުން މެޗުގެ ފަހު ލަނޑު ޖަހައި، އޭނާގެ ކެރިއަރުގައި ސިޓީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑު ރެކޯޑުކޮށްފައެވެ.

މެޗުގެ ފުރަތަމަ ލަނޑު 8 ވަނަ މިނެޓުގައި ގުންޑޮގާން ޖެހުމަށްފަހު، ފޯޑެންގެ ލަނޑާއެކު ފުރަތަމަ ހާފް ނިމުނުއިރު ސިޓީ އޮތީ 2-0 އިން ކުރީީގައެވެ. ދެވަނަ ހާފުގައި އާލިން ހާލަންޑް 58 ވަނަ މިނެޓުގައި ލަނޑެއް ޖެހުމަށްފަހު، މެކާޓީގެ ލަނޑާއެކު މެޗު ނިމުނީ 4-0 ގެ ނަތީޖާއަކުންނެވެ.
ފޯޑެން މި މެޗުގައި ދެއްކި މޮޅު ކުޅުމާއި، މެކާޓީގެ ފުރަތަމަ ލަނޑު ފާހަގަކޮށް ސިޓީގެ މެނޭޖަރ ޕެޕް ގުއާޑިއޯލާ ވަނީ އުފާ ފާޅުކޮށްފައެވެ. އޭނާ ބުނީ މި ދެ ކުޅުންތެރިންގެ ކުޅުމަކީ ޓީމުގެ މުސްތަޤުބަލަށް އުއްމީދު ދޭ ކަމެއް ކަމަށެވެ.
ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީ ދެން ކުޅޭނީ މި މަހުގެ 23 ވަނަ ދުވަހު ސްޕާޓާ ޕްރާގް އާ ދެކޮޅަށެވެ.









