މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި އެކްސިޑެންޓުތައް މަދުކުރުމާއި މާލޭގެ މަގުތަކަކީ އެންމެނަށް ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ފަހިރާސްތާ ޕްރޮގްރާމް ރަސްފަންނުގައި ކުރިއަށް ގެންގޮސްފިއެވެ.
އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، އެއްގަމު އުޅަނދު ދުއްވުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދޭންޖެހޭ ކަންކަމުގެ މަޢުލޫމާތުދީފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި އެކްސިޑެންޓުތަކުން ރައްކާތެރިވާނެ ގޮތުގެ މަޢުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ މަގުމަތީގެ އަދަބުތަކުގެ މަޢުލޫމާތު ވެސް ދީފައިވާ ކަމަށާއި، މަޢުލޫމާތު ދީފައިވަނީ މީހުންނާ ބައްދަލުކޮށް ކިޔައިދީގެންނާއި ކުރެހުމާއި ޕޯސްޓަރު މެދުވެރިކޮށް އަދި ލީފްލެޓް މެދުވެރިކޮށް ކަމަށެވެ. އަދި މަގުމަތީގެ އަދަބުތަކާގުޅޭ ލަވަ، ބަނދި އަދި އޯޑިއޯ ކްލިޕް މެދުވެރިކޮށް އަޑުގަދަކުރާ ބޭނުންކޮށްގެން ވެސް މަޢުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން ގިނަބަޔަކަށް މަޢުލޫމާތުދީފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުންނެވެ.
ފުލުހުން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތަކަކީ ރައްޔިތުންނަށް އަމާން ރައްކާތެރިތަނަކަށް ހެދުމަށް ޚާއްސަ މަަސައްކަތްތަކެއް ފުލުހުން ދަނީ ކުރަމުންނެވެ.









