ކުޑަ ކުއްޖަކު އޮރިޔާންކޮށް، އެ ކުއްޖާއަށް ބިރުދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ކުއްޖާގެ މަންމަ ފޭސްބުކްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
ކުއްޖާގެ މަންމަ ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން ކުޑަ ކުއްޖަކަށް ފާޚާނައެއްގެ ތެރޭގައި ގަނާކުރި ޙާދިސާއެއް ހިނގާފައިވާ ކަމަށާއި ނަމަވެސް މި ފަހަރު ޙާލަތު އެޔަށްވުރެވެސް މަތި ކަމަށެވެ. މި ޙާދިސާ ދިމާވެފައިވަނީ އޭނާގެ ދަރިފުޅަށް ކަމަށް އޭނާ ބުންޏެވެ.
ކުއްޖާގެ މަންމަ ބުނީ، ކުއްޖާ ގޭގައި ނިދާފައި އޮއްވާ ގެއަށްވަދެ، ކުޑަދޮރުން ކޮޓަރިއަށް ވަދެ، ބޭރަށް ނުގޮސްފިނަމަ މަރާލާނެ ކަމަށް ބިރުދައްކާފައިވާ ކަމަށެވެ. އަދި ބޭރަށް ދިޔުމުން ރުށްގަނޑެއްގެ ތެރެއަށް ވައްދާ އޮރިޔާންކޮށް، ދަނޑިބުރިއަކުން ތަޅާ ވީޑިއޯ ކުރުމަށްފަހު، ރުފިޔާ ނުދީފިނަމަ އެ ވީޑިއޯ ލީކު ކުރާނެ ކަމަށް ބުނެ ބިރު ދައްކާފައިވާ ކަމަށް ބުންޏެވެ.
އެއް ފުރައިގެ ކުދިން ތިބި އިންސްޓަގްރާމް ގޫރަޕަށް އެ ވީޑިއޯ ލައި، ކުއްޖާއަށް މަރުގެ އިންޒާރު ދީފައިވާކަމަށް ކުއްޖާގެ މަންމަ ބުންޏެވެ.
މި ޢަމަލަކީ ގްރޭޑް 9 ގައި އުޅޭ ކުއްޖެއް އިސްވެހުރެ ގްރޫޕަކުން ހިންގި ޢަމަލެއް ކަމަށް ބުނެ، ކުއްޖާގެ މަންމަ ވަނީ އޭނާގެ ދަރިފުޅަށް އިންސާފު ހޯދައިދިނުމަށް އެދި ގޮވާލާފައެވެ.
ސޯޝަލް މީޑިއާއިން މި މައްސަލަ ފެންމަތިވުމާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެކަމާ ގުޅޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.









