ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ހއ. އަތޮޅަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.
މި ދަތުރުފުޅުގައި ކޮމިޝަނަރގެ އަރިހުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ދާޢޫދު އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލައްވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކޮމިޝަނަރގެ މި ދަތުރުފުޅުގައި، ހއ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އަދި އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
މި ބައްދަލުވުންތަކުގައި، ރަށްރަށުގެ ކުށުގެ ހާލަތު ބައްލަވައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ފުލުހުންނާ ގުޅިގެން ކުރެވެންހުރި ކަންކަމާ މެދު މަޝްވަރާކުރައްވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ކުށްމަދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރުމަށާއި ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް ފުލުހުން ބުންޏެވެ.
މިއަދުން ފެށިގެން މި މަހު 7 އަށް ކުރިއަށް ގެންދާ މި ދަތުރުފުޅުގައި ދިއްދޫ، ކެލާ، އުތީމު، ބާރަށް، ފިއްލަދޫ، ތަކަންދޫ، މާރަންދޫ، ހޯރަފުށި، ތުރާކުނު، އުލިގަން އަދި އިހަވަންދުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.









