ރާއްޖޭގައި އުފެދުނު އަންހެން އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާ ފާތިމަތު ރިޝްމާ، 22 އަހަރަށްފަހު ، ކުޅުން ހުއްޓާލައިފިކަން އިއުލާން ކޮށްފިއެވެ.
ރިޝްމާގެ އެންމެ ފަހު މެޗަކީ އިއްޔެ ހަވީރު ލަންކާގެ އީގަލްސް އާއި ދެކޮޅަށް ކުޅުނު ސުޕަ ކަޕްގެ ފައިނަލް މެޗެވެ.

ރިޝްމާ އެންމެ ފަހުން ކުޅުނު ބާސްކެޓްބޯލް މެޗްގެ ތެރެއިން / ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ރިޝްމާ ރިޓަޔާކުރިކަން އިއުލާންކުރީ ރޭ ނިމިގެންދިޔަ ސުޕަ ކަޕް 2024 ގެ އިނާމު ދިނުމުގެ ރަސްމިއްޔާތަށްފަހު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.
މި މުބާރާތަށްފަހު ރިޝްމާ ކުޅުން ހުއްޓާލިއިރު، ރާއްޖޭގެ އަންހެން ލެޖެންޑް ވަނީ ކުއީންސް ބާސްކެޓްބޯލް ކުލަބާއެކު އެމްބީއޭގެ މި މުބާރާތުގެ ރިހި މެޑެލް ހޯދުމުގެ އިތުރުން، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.
2002 ވަނަ އަހަރު ބާސްކެޓްބޯޅަ ކުޅެން ފެށި ރިޝްމާ ވަނީ ރާއްޖޭގައި ބާއްވާ ބާސްކެޓްބޯޅައިގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ. އޭނާގެ ކެޕްޓަން ކަމުގެ ދަށުން ގައުމީ އަންހެން ޓީމުން ވަނީ ބައިނަލްއަގުވާމީ މައިދާނުގައިވެސް ގިނަ ކާމިޔާބީތަކެއް ހާސިލު ކޮށްފައެވެ.
ރިޝްމާ ވަނީ 2022 ވަނަ އަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެންމެ މޮޅު އަންހެން ބާސްކެޓް ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރުން، 2017 ވަނަ އަހަރު ކުޅިވަރު ކުޅުމާއި މީހުން ތަމްރީންކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމުވެސް ހާސިލު ކޮށްފައެވެ.
ބާސްކެޓުގެ އިތުރުން ރިޝްމާ ވަނީ ނެޓްބޯޅަ، ހޭންޑްބޯޅަ އަދި ފުޓްސަލުގައިވެސް ކާމިޔާބީ ހޯދާފައެވެ. އަދި މިހާރު އޭނާ އަންނަނީ ނެޓްބޯޅަ، ހޭންޑްބޯޅަ އަދި ބާސްކެޓްބޯޅައިގެ ކޯޗިން ލައިސަންސް ހާސިލްކޮށް ކުޅުންތެރިން ތަމްރީނުވެސް ކުރަމުންނެވެ.

ރިޝްމާ އެންމެ ފަހުން ކުޅުނު ބާސްކެޓްބޯލް މެޗްގެ ތެރެއިން / ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން



