ރާއްޖޭގައި މިހާރު މިއޮތް ޕާޓީސިސްޓަމްގެ ނިޒާމު ގެންނަން އިދިކޮޅު ފަރާތްތަކުން ހިންގި އިސްލާހީ ހަރަކާތުގައި ފޮޓޯ ނަގައި އެ ހަރަކާތުގައި "އެކްޓިވްކޮށް" އުޅުނު ހ. ވެލަސްފަރުގޭ، އިބްރާހިމް ޖައުހަރީ (62އ) މިއަދު ހަވީރު މާލޭގެ އުސްފަސްގަނޑާއި ދިމާލުން ކަނޑުމަތިން ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ބުނި ގޮތުގައި، މިއަދު ހަވީރު 5:06 ގައި އުސްފަސްގަނޑާ ދިމާލު ކަނޑުމަތިން މީހަކު ނިޔާވެފައި އޮތް ކަމުގެ ރިޕޯޓެއް ލިބުމާއި ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާކަން ވަނީ ކަށަވަރު ވެފައެވެ.
ޖައުހަރީ އަކީ ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅު އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި އިސްލާހީ ހަރަކާތުގައި ވަރަށް އެކްޓިވްކޮށް އުޅުނު ފޮޓޯގުރާފަރެކެވެ. އެގޮތުން ހާއްސަކޮށް އޭރުގެ މިނިވަން ނޫހަށް ފޮޓޯ ނެގުމުގައި އޭނާ އުޅުއްވިއެވެ. އޭނާއަކީ އިލެކްޓްރޯނިކް މަސައްކަތްކުރާ މެކޭނިކެއް ވެސް މެއެވެ.
ޖައުހަރީއަކީ ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލެއް ކަމަށްވާ މަރިޔަމް ޝުނާނާގެ ވެސް ބައްޕަ އެވެ.









