ދިވެހި ފުލުހުންގެ ޚިދުމަތުގެ 13 ފުލުހަކު ބައިނަލްއަޤްވާމީ ތަމްރީނު ޕްރޮގްރާމްތަކެއްގައި ބައިވެރިވުމަށް ފުރައިފިއެވެ.
މި ދަތުރުގައި ތުރުކީ، ސިންގަޕޫރު އަދި އެމިރޭޓްސްގައި ޚާއްސަ ތަމްރީނުތަކެއް، އެ ޕްރޮގްރާމަކަށް ހޮވިފައިވާ ފުލުހުން ފުރިހަމަކުރާނެއެވެ.
ފުލުހުން ބުނީ މި ތަމްރީނުތަކަކީ ޤާނޫނު ތަންފީޒުކުރުމާއި، ލީޑަރޝިޕް އަދި ފުލުހުންގެ މަސައްކަތުގެ އެކި ދާއިރާތަކުން މީހުން ބިނާކޮށް ހުނަރު އިތުރުކުރުމަށް ކުރިއަށްގެންދާ ތަމްރީނުތަކެއް ކަމަށެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި ތުރުކީގެ ނޭޝަނަލް ޕޮލިސް އެކަޑަމީން އިންތިޒާމުކޮށްގެން ހިންގާ ދެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް 10 ފުލުހަކު ތުރުކީއަށް ވަނީ ފުރާފައެވެ. މި ފުލުހުން ބައިވެރިވާނީ އަންޑަރގްރެޖުއޭޓް އަދި މާސްޓާސް ލެވެލްގެ ތަމްރީނު ޕްރޮގްރާމްތަކެއްގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަންނަ މަހުގެ 7 އިން 30 ސެޕްޓެމްބަރު 2026 އަށް ހިންގޭ ފަސްޓް ސްޓޭޖް ސުޕަވައިޒަރ ތަމްރީނު އަދި ނޮން-ތީސިސް މާސްޓަރސް ޕްރޮގްރާމްގައި ސާޖަންޓް މުޙައްމަދު އަފްރާޙް، ސާޖަންޓް ޢާއިޝަތު ރަފްޝާ، ސާޖަންޓް އަޙްމަދު އަމީން ރަޝީދު، ސާޖަންޓް މުޙައްމަދު މިފްރާޙް އަދި ކޮންސްޓަބަލް ފާޠިމަތު ހަމްލާ ބައިވެރިވާނެ ކަމަށެވެ. ދެ އަހަރުގެ މި ޕްރޮގްރާމްގައި ހިމެނެނީ އެއް އަހަރުގެ ތުރުކީ ބަހުގެ ތައްޔާރީ ކޯހަކާއި، އިންސާނީ ހައްޤުތަކާއި ފުލުހުންގެ މަސައްކަތް، ޓެރަރިޒަމް، ފުލުހުންގެ ލީޑަރޝިޕް އަދި ސެކިއުރިޓީ މެނޭޖްމަންޓް ފަދަ މޮޑިއުލްތައް ހިމެނޭ މާސްޓަރސް ލެވެލްގެ މުގައްރަރެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، ބައިވެރިން ފިޒިކަލް ޓްރޭނިންގ އާއި، ހަތިޔާރު ބޭނުންކުރުމުގެ ތަމްރީނު އަދި ޓެކްޓިކަލް ތަމްރީނުތައް ވެސް ފުރިހަމަކުރާނެ ކަމަށެވެ.
މީގެ އިތުރުން، އަންނަ މަހުގެ 7 އިން 30 ސެޕްޓެމްބަރު 2029 އަށް ހިންގޭ އަންޑަރގްރެޖުއޭޓް ތަމްރީނު ޕްރޮގްރާމް (ބެޗްލަރސް) ގައި ބައިވެރިވުމަށް 5 ފުލުހަކު ފުރާފައިވާކަމަށް ފުލުހުން ބުންޏެވެ.

ތަމްރީނުތަކަށް ފުރާ ފުލުހުންނާއި ސީޕީ އަލީ ޝުޖާއު ބައްދަލުކުރައްވަނީ. ފޮޓޯ: ޕޮލިސް
ފުލުހުން ބުނީ ކޮންސްޓަބަލް އަޒާން އަޙްމަދު، ކޮންސްޓަބަލް ޙަސަން އަނަސް ނާފިޒު، ކޮންސްޓަބަލް އިންޝާ އިސްމާޢީލް ޖިހާދު، ކޮންސްޓަބަލް އިބްރާހީމް ޞަލާޙް އަދި ކޮންސްޓަބަލް ޙުސައިން ޔާސިރު މި ތަމްރީނު ފަށާނީ އެއް އަހަރުގެ ތުރުކީ ބަހުގެ ތައްޔާރީ ކޯހަކުން ކަމަށެވެ. އޭގެ ފަހުން ޤާނޫނު، ސިޔާސަތު، މެނޭޖްމަންޓް އަދި ކްރިމިނޮލޮޖީ ފަދަ މާއްދާތައް ހިމެނޭ ބެޗްލަރސް ޑިގްރީ ޕްރޮގްރާމެއް ފުރިހަމަކުރާނެ ކަމަށާއި، މާސްޓަރސް ޕްރޮގްރާމްގެ ބައިވެރިންނެކޭ އެއްފަދައިން، މި ފުލުހުން ވެސް ފިޒިކަލް ޓްރޭނިންގ އާއި، ހަތިޔާރު އަދި ޓެކްޓިކަލް ތަމްރީނުތައް ފުރިހަމަކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
ސިންގަޕޫރު ޕޮލިސް ފޯސްއިން ހިންގާ ސީނިއަރ އޮފިސަރުންގެ އަސާސީ ކޯހުގައި ބައިވެރިވުމަށް ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ތައުސީފް އަދި ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ފަތުޙީ ފުރާފައިވާކަމަށް ފުލުހުން ބުންޏެވެ.
މިއަދުން ފެށިގެން 30 ޖޫން 2024 އަށް ހިންގޭ 10 މަސްދުވަހުގެ މި ތަމްރީނު ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ބައިވެރިންގެ ލީޑަރޝިޕާއި ޓެކްޓިކަލް ހުނަރުތައް އިތުރުކުރުމަށް ކަމަށް ފުލުހުން ބުންޏެވެ. މި ރެސިޑެންޝަލް ކޯހުގައި ހިމެނެނީ ފުލުހުންގެ ޑިފެންސް ޓެކްޓިކްސް، ފިޒިކަލް ޓްރޭނިންގ، ގާނޫނު އަދި ލީޑަރޝިޕް މާއްދާތަކަކާއި، ބޭރު އެހެން ޤައުމެއްގައި ކުރިއަށްދާ ބައެއް ވެސް މި ޕްރޮގްރާމްގައި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ތުރުކީއާއި ސިންގަޕޫރަށް ގޮސްފައިވާ އޮފިސަރުންގެ އިތުރުން، ކޮންސްޓަބަލް ޢާއިޝަތު ޒޫނާ މުޙައްމަދު ވަނީ އަބޫދާބީ، ޔޫއޭއީގައި ހިންގޭ ޕޮލިސް އެކަޑަމީ އެކްސްޗޭންޖް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޔޫއޭއީގެ އިންޓީރިއަރ މިނިސްޓްރީއާ ގުޅިގެން އަބޫދާބީ ޕޮލިސް ކޮލެޖުން އިންތިޒާމުކުރާ މި ޕްރޮގްރާމް ކުރިއަށްދާނީ އަންނަ މަހުގެ 1 އިން ފެށިގެން 31 ޖަނަވަރީ 2025 އަށެވެ.
މި ހަތަރު މަސްދުވަހުގެ ރެސިޑެންޝަލް އެކްސްޗޭންޖް ޕްރޮގްރާމްގައި ހިމެނެނީ ފިޒިކަލް ޓްރޭނިންގ އާއި، މަރޗިންގ ޑްރިލްސްއާއި، ފުލުހުންގެ މަސައްކަތުގެ އަމަލީ ތަމްރީނުތައް އަދި އިލްމީ ދިރާސާތަކެއް ކަމަށް ފުލުހުން ބުންޏެވެ.









