މިނިސްޓަރުންނަށް ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް އެ މަޤާމުން ބަދަލުކޮށް، އެ މަޤާމަށް ރައީސް އޮފީހުގެ ސީނިއަރ މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އައްޔަންކުރުމަށެވެ. އެއާއެކު ފިނޭންސް މިނިސްޓަރުގެ މަޤާމަށް މޫސާ ޒަމީރު ބަދަލުކޮށް، ފޮރިން މިނިސްޓަރުގެ މަޤާމަށް ޑރ. އަބްދުﷲ ޚަލީލް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
ފޮރިން މިނިސްޓަރުގެ މަޤާމުގައި މިހާރު ޒަމީރު ހުންނެވިއިރު، ޚަލީލް ހުންނެވީ ހެލްތު މިނިސްޓަރު މަޤާމުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފޮރިން މިނިސްޓަރުގެ މަޤާމުގައި މިހާރު ހުންނެވި ޑރ. މުޙައްމަދު ޝަފީޤް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
ހެލްތު މިނިސްޓަރުގެ މަޤާމަށް އައްޔަންކުރަން ނިންމާފައިވާ ރައީސް އޮފީހުގެ ސީނިއަރ މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އަކީ މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
އާ ވަޒީރުން ހުވާ ކުރުމާއި މަޤާމުގެ ފަތްކޮޅު ޙަވާލުކުރުން ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.









