މޯލްޑިވްސް އިމިގްރޭޝަންގެ ބޯޑަރު އިންޓަލިޖެންސް ޑިވިޝަނުން ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ތިން ބިދޭސީއަކު ހިފަހައްޓައިފިއެވެ. މި މަޢުލޫމާތު ދެއްވާފައިވަނީ އިމިގްރޭޝަނުންނެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ތިން ބިދޭސީން ރާއްޖެ އެތެރެވާން އުޅެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށެވެ. މިގޮތުން ފުރަތަމަ މީހާ ހިފަހައްޓާފައިވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ. ފުރަތަމަ މީހާއަކީ 25 އަހަރުގެ ފިރިހެނެކެވެ. ދެވަނަ މީހާ ހިފަހައްޓާފައިވަނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުއެވެ. އެއީ 23 އަހަރުގެ ފިރިހެނެކެވެ. އަދި ތިންވަނަ މީހާ ހިފަހައްޓާފައިވަނީ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުއެވެ. އެއީ 21 އަހަރުގެ ފިރިހެނެކެވެ. އަދި އެ މީހުން ރާއްޖެ އެތެރެވާން މަސައްކަތް ކޮށްފައިވަނީ ވަކިވަކިނެވެ.
އިމިގްރޭޝަނުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ވެސް ނަކަލުކޮށްފައިވާ ޕާސްޕޯޓުތަކާއި ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުންކޮށްގެން ޝަހުސު އޮޅުވާލައި ރާއްޖެ އެތެރެވާން އުޅުނު އެތައް ބަޔަކު ވަނީ ހުއްޓުވައި، ރާއްޖެއިން ފޮނުވާލާފައެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ބޮޑު އޮޕަރޭޝަނެއް މިހާރު ދަނީ ކުރިއަށެވެ. މި އޮޕަރޭޝަނުގެ މަޤްޞަދަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމެވެ.









