މަގުތަކަކީ އެންމެނަށް ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، މާލެ ޕޮލިސް ކޮމާންޑުން ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ. މި އޮޕަރޭޝަނަކީ ރައީސްގެ ނިންމެވުންތައް އިތުރަށް ހަރުދަނާކަމާއެކު ތަންފީޒުކޮށް، މާލޭގެ މަގުތައް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މަޢުލޫމާތު ދިންވިގޮތުގައި، މި އޮޕަރޭޝަންގެ ދަށުން މަގުމަތީގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، މަގުމަތީގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިކަމުގެ ސަބަބުން މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުފަހަރާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ފުލުހުން އުންމީދު ކުރެއެވެ.
އޮޕަރޭޝަން ފެށުމާއެކު، މާލެ ޕޮލިސް ކޮމާންޑުގެ ހެޑާއި، ވިންގުތަކުގެ ވެރިންނާއި އަދި މާލެ ޕޮލިސްގައި މަސައްކަތްކުރާ އެންމެހައި އޮފިސަރުން މަގުމަތީ ޓްރެފިކް ބެލެހެއްޓުމުގައި އަމަލީގޮތުން ވަނީ ބައިވެރިވެފައެވެ.
ފުލުހުން އިތުރަށް ބުނިގޮތުގައި، މި އޮޕަރޭޝަންގެ ދަށުން މަގުމަތީގެ ގަވާއިދުތަކާއި ޚިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށެވެ. އެހެންކަމުން، އާންމު ރައްޔިތުންނަށް ގޮވާލަނީ މަގުމަތީގެ ގަވާއިދުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، މަގުމަތީގައި ދުއްވާއިރު ނުވަތަ ހިނގާބިނގާވެ އުޅޭއިރު ވީހާވެސް ބޮޑަށް ސަމާލުވުމަށެވެ.









