އޮޅުވާލައިގެން ފައިސާ އަތުލުމުގެ މައްސަލަތައް ނުވަތަ ސްކޭމުގެ މައްސަލަތަކުގައި މިއަހަރުގެ މިހާތަނަށް 13 މިލިޔަނަށްވުރެ ގިނަ ރުފިޔާ ގެއްލިގެން ރިޕޯޓްކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ މިއަހަރުގެ މިހާތަނަށް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިގެން ރިޕޯޓްކޮށްފައިވާއިރު، އޭގެތެރެއިން އަނބުރާ ހޯދިފައިވަނީ 2.2 މިލިއަން ރުފިޔާ ކަމަށެވެ.
"މިފަދަ ސްކޭމްތަކުގައި އަދިވެސް ގިނަ ބަޔަކު ޖެހެމުން ދިއުމަކީ ހިތާމަވެރިކަމެއް." އޭސީޕީ ޝިފާން ވިދާޅުވިއެވެ.
ރާއްޖޭގައި ހިންގާ ސްކޭމްތަކުގައި މިހާތަނަށް އައިރު އޮޅުވާލައިގެން ބޮޑެތި އަދަދުން ފައިސާ ފޭރިގަނެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން ވިޔަފާރިތަކާއި، ޖަމިއްޔާ ހިންގާ ފަރާތްތަކަށް އަމާޒުކޮށްގެން ސްކޭމް ހިންގާފައިވާއިރު، މިފަދަ ސްކޭމްތަކުގައި އެތައް މިލިއަން ރުފިޔާ ގެއްލިފައިވާކަމަށް މީގެ ކުރިން ފުލުހުން އާންމު ކޮށްފައިވާ މައުލޫމާތުތަކުން އެނގެއެވެ.
މިދިޔަ ޖުލައި މަހު ފުލުހުން ހާމަކުރި ގޮތުގައި ސްކޭމްތަކުގައި ގިނަ ބައެއްގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްލަނީ މަދު ވަގުތު ކޮޅެއްގެ ތެރޭގައެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭ އެކި މީހުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށް އެފައިސާ ވަގުތުން ނަގަނީ ދުރާލާ ރޭވިގެންކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ މިފަދަ މައްސަލަތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭއިރު، 500 އަށް ވުރެ ގިނަ އެކައުންޓު މިއަހަރުވެސް ބްލޮކްކޮށްފައިވާ ކަމަށެވެ.
ސްކޭމްތަކާއި ދެކޮޅަށް ފުލުހުންގެ ހާއްސަ ސްކޭމް ސެންޓަރެއް އުފައްދައި މަސައްކަތް ކުރަމުންދާއިރު، ކަމާ ބެހޭ އިދާރާތަކުން އަބަދުވެސް އިރުޝާދުދެނީ މެސެޖަކުން އަންނަ ލިންކުތަކަށް ނުފިތުމަށެވެ. އަދި އެއްވެސް ފަރާތަކަށް ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް ތަކުރާރުކޮށް ކަމާއި ގުޅުން ހުރި އިދާރާތަކުން އިލްތިމާސްކުރެއެވެ.









