މޯލްޑިވްސް އިމިގްރޭޝަނުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ 16 ބިދޭސީން ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ މި މަހުގެ 24 އަދި 25 ވަނަ ދުވަހުއެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، މި އޮޕަރޭޝަނުގައި ހުޅުމާލޭ ފޭސް 1 ގައި ހުރި 6 ކެފޭ އަދި ހޮޓާ ވަނީ ބަލައިފާސްކޮށްފައެވެ. މި ތަންތަނުން ފެނުނު ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ 16 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މީގެ އިތުރުން، މި އޮޕަރޭޝަނުގައި ބަލައި ފާސްކުރެވުނު ތަންތަނުގެ ތެރެއިން ތިން ކެފޭއަކުން ނަގަންޖެހޭ ބައެއް ހުއްދަތައް ނުނަގާ ކެފޭ ހިންގަމުންދިޔަކަން ފާހަގަކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. މި ތިން ކެފޭއަށް ވަނީ ކަމާ ގުޅުންހުރި އިދާރާތަކުން ނޯޓިސް ދީފައެވެ.
މިހާރުގެ ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އިމިގްރޭޝަނުން އިއްޔެ ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ 10 މަސްދުވަހުގެ ތެރޭގައި 4,054 ބިދޭސީން ވަނީ ޑިޕޯޓްކޮށްފައެވެ.
މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނޮވެމްބަރު މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް، ކޮންމެ މަހަކު އެވްރެޖްކޮށް 400 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑިޕޯޓްކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ ބިދޭސީން ޑިޕޯޓްކޮށްފައިވަނީ ޖޫން މަހުގައެވެ. އެ މަހު 690 ބިދޭސީން ވަނީ ޑިޕޯޓްކޮށްފައެވެ.









