ފުލުހުންގެ ސައްޙަ ނޫން ބަޔާނެއް ދައުރުކުރި މައްސަލައިގައި ސޯޝަލް މީޑިއާ އެކްޓިވިސްޓު، ތައްޔިބު ޝަހީމް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުުރު ތަފްޞީލެއް ފުލުހުން ޙިއްސާކޮށްފައެއް ނުވެއެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީގެ ކުރިން ވަނީ ތައްޔިބުގެ ފޯނާއި އިލެކްޓްރޯނިކްސް ވެސް ހިފަހައްޓާފައެވެ.
ތައްޔިބަކީ އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެކްޓިވިސްޓެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ ހައްޔަރުކޮށް ޖަލަށްވެސް ލާފައެވެ.
މި ސަރުކާރުގައި އޭނާއަށް ސްޓެލްކޯގެ މަޤާމެއް ދިނުމަށްފަހު މިހާރު ވަނީ އެ މަޤާމުންވެސް އޭނާ ވަކިކޮށްފައެވެ.









