ފިލިޕީންސްގައި މިހާރު ކުރިއަށްދާ އިންޓަޕޯލް އީ – އެވިޑެންސް ފަސްޓް ރެސްޕޮންޑަރސް ޓްރެއިނިންގ ޕްރޮގްރާމުގައި ފުރަތަމަ ފަހަރަށް ދިވެހި ފުލުހަކު ކިޔަވައިދީފިއެވެ.

މި ޓްރެއިނިންގގައި ކިޔަވައިދެއްވީ އެންޓި ސްކޭމް ރެޕިޑް ރެސްޕޮންސްގެ، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދުއެވެ. އެގޮތުން، އާދަމް ނަވީދު ދެ މޮޑިއުލްއެއް ކިޔަވައިދެއްވި ކަމަށް ފުލުހުން ބުންޏެވެ. އެއީ ”ކަލެކްޓިންގ އިލެކްޓްރޯނިކް އެވިޑެންސް” އަދި ”އިންޓަވިއު އެންޑް ޑޮކިއުމެންޓޭޝަން” މޮޑިއުލް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މަހުގެ 23 އިން 27 އަށް ކުރިއަށް ގެންދާ އިންޓަޕޯލް އީ – އެވިޑެންސް ފަސްޓް ރެސްޕޮންޑަރސް ޓްރެއިނިންގގައި، ސައިބަރ ކްރައިމްގެ މައްސަލަތައް ބަލާ ޕްރޮސެކިއުޓަރުންނާއި ނެޝަނަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުގެ މެމްބަރުންގެ އިތުރުން ފިލިޕީންސްގެ ފުލުހުން ވެސް ބައިވެރިވެއެވެ. ފިލިޕީންސް ފުލުހުންގެ ތެރޭގައި، އެގައުމުގެ ރީޖަނަލް ސައިބަރ ކްރައިމް ޔުނިޓާއި، ވިމެން އެންޑް ޗިލްޑްރެންސް ޕްރޮޓެކްޝަން ޑެސްކާއި ސައިބަރ ކްރައިމްގެ މައްސަލަތައް ތަހުޤީޤުކުރާ ފުލުހުން ބައިވެރިވެއެވެ.