މާލޭ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ އިތުރު ދެ ބިދޭސީން އިމިގްރޭޝަނުން އަތުލައިގެންފިއެވެ. މި މަޢުލޫމާތު ހާމަކުރައްވާފައިވަނީ މޯލްޑިވްސް އިމިގްރޭޝަނުންނެވެ.
އިމިގްރޭޝަނުން ބުނިގޮތުފގައި، އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ޓާސްކު ފޯސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ދެ ބިދޭސީން އަތުލައިގެންފައިވަނީ އިއްޔެ މާލޭގެ މާފަންނު ސަރަހައްދުގައި ހުރި ދެ ގެއެއް ބަލައި ފާސްކުރުމަށްފަހު ކަމަށެވެ. އަދި މި ދެ ބިދޭސީން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.

މިހާރުގެ ސަރުކާރުން ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމުގެ މަސެ މަސައްކަތް ދަނީ ކުރަމުންނެވެ. އިމިގްރޭޝަނުން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 10 މަސްދުވަހުގެ ތެރޭގައި މި ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ 4،054 ބިދޭސީން ޑީޕޯޓްކޮށްފައެވެ.
މި ތަފާސްހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި ނޮވެމްބަރު މަހުގެ 17 އިން ފެށިގެން އެ މަހުގެ ނިޔަލަށް 90 ބިދޭސީން، ޑިސެމްބަރު މަހު 202 ބިދޭސީން، ޖަނަވަރީ މަހު 237 ބިދޭސީން، ފެބްރުވަރީ މަހު 309 ބިދޭސީން، މާރިޗް މަހު 332 ބިދޭސީން، އޭޕްރިލް މަހު 240 ބިދޭސީން، މެއި މަހު 377 ބިދޭސީން، ޖޫން މަހު 690 ބިދޭސީން، ޖުލައި މަހު 461 ބިދޭސީން، އޮގަސްޓް މަހު 453 ބިދޭސީން އަދި ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 663 ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.
މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އާންމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ގަވާއިދާ އެއްގޮތަށް ބިދޭސީން ރާއްޖޭގައި މަސައްކަތްކުރުމަށް މަގުފަހިކުރުން ކަމަށް އިމިގްރޭޝަނުން ފާހަގަކުރިއެވެ.









