ވިލަރެއާލް އާއި ދެކޮޅަށް ރަށުން ބޭރުގައި ބާސެލޯނާއިން ބޮޑު ތަފާތަުން މެޗު ކާމިޔާބު ކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފެނުނީ ވާދަވެރި ކުޅުމެކެވެ. ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ބާސާއިން ގޯލެއް ޖަހައި ލީޑު ނެގިއެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ފޯވާޑް ރޮބަޓް ލެވަންޑޮސްކީ އެވެ. އޭގެ 15 މިނެޓު ފަހުން އަނެއްކާވެއް ލެވަންޑޮސްކީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ މިސީޒަނުގައި ލީގުގައި ކުޅުނު ހަ މެޗުގައި އޭނާ ކާމިޔާބުކުރި ހަވަނަ ވަނަ ލަނޑު ވެސް މެއެވެ.
މި ނަތީޖާގައި މާގިނަ އިރަކު ބާސާއަކަށް ނުހިފެހެއްޓުނެވެ. އޭގެ ތިން މިނެޓު ފަހުން ވިލަރެއާލުން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އަޔޯޒޭ ޕެރޭޒް އެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާ އިންގޭމު ބަދަލުކޮށް އެޓޭކް ކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން އިތުރު 3 ލަނޑު ޖެހިއެވެ. އެއީ ބްރެޒިލްގެ ފޯވާޑް ރަފީނިއާ ދެލަނޑު އަދި އަނެއް ލަނޑު ޒުވާން މިޑްފީލްޑަރު ޕަބްލޯ ޓޮރޭސް 1 ލަނޑެވެ.
ބާސާ މޮޅުވިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ޖިރޯނާ އަތުން މޮޅުވީ ވެސް 4-1 ގެ ނަތީޖާއަކުން ކަން ފާހަގަ ކުރެވެއެވެ.
ވިލަރެއާލް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން މަޔޯކާ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 5-3 ގެ ނަތީޖައަކުން ކާމިޔާބުކުރީ ވިލަރެއާލް އިންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަ މެޗުން މޮޅުވެ، 18 ޕޮއިންޓާއެކު ބާސެލޯނާ މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތްއިރު، ވިލަރެއާލް އޮތީ ކުޅުނު ހަ މެޗުން ލިބުނު 11 ޕޮއިންޓާއެކު ފަސްވަނައިގައެވެ.









